12 Dec 2014, 01:22
އޮޑިޓާ ޖެނެރަލްގެ މަގާމަށް އަލުން ބޭފުޅަކު އައްޔަންކުރަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް އެދިލެއްވި ގޮތަށް ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް އިއްޔެ ހައިކޯޓުން ވަނީ އޭނާ އަށް އަންގާފަ އެވެ.
ކުރީގެ އޮޑިޓާޖެނެރަލް ނިޔާޒު ހުށަހެޅުއްވި މައްސަލައިގައި ވަނީ އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާ ދުވަހުން ފެށިހެން 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަންފުޅެއް ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށް މަޖިލީހުން ފާސްކުރި ގާނޫނަކީ ގާނޫނު އަސާސީއާ ޚިލާފު ގާނޫނެއް ކަމަށެވެ. އެހެންކަމުން އެގާނޫނަކީ ބާތިލް ގާނޫނެއް ކަމަށް ކަނޑައަޅައި ދިނުމަށް ނިޔާޒު ވަނީ އެދިވަޑައިގެންފައެވެ.
ނިޔާޒު އެ މައްސަލަ ހުށަހެޅުއްވި އިރު އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަޖިލީހަށް ހުށަހެޅުއްވި ހ. އާހަމަ، ހަސަން ޒިޔާތު އަށް މަޖިލީހުން ރުހުންދިނުމާ ގުޅިގެން ރައީސް ޔާމީން ވަނީ އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައެވެ.