12 Dec 2014, 00:33
ރާއްޖޭގެ މުވާސަލާތީ ފުރަތަމަ ކުންފުނި ދިރާގުގެ މެޖޯރިޓީ ހިއްސާ އޮންނަ ބަހުރެއިންގެ ބަޓެލްކޯއިން ފެން ފަންޑަށް 200،000 ޑޮލަރު މިރޭ ހަދިޔާ ކޮށްފި އެވެ.
މާލޭ ފެނަށް ޖެހުމުން ސަރުކާރުން އުފެއްދި ފެން ފަންޑަށް ބަޓެލްކޯއިން ހަދިޔާ ކުރި ފައިސާ ހަވާލު ކުރީ ފެނުގެ މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޓާސްކް ފޯހަށެވެ. ފެން ބިލްޑިންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޓާސްކް ފޯސްގެ ފާރާތުން އެ ފައިސާއާ ހަވާލުވެވަޑައިގެންނެވީ، ޓާސްކް ފޯހުގެ ޗެއާމަން އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. ބަޓެލްކޯގެ ފަރާތުން އެ ފައިސާ އޭނާއަށް ހަވާލު ކުރެއްވީ ދިރާގުގެ ޗެއާމަން ރިލުވާން ޝަރީފެވެ.
ރިލްވާން ވިދާޅުވީ އެ އެހީއަކީ ބަޓެލްކޯގެ ޗެއާމަން ޝޭޚް ހަމާދު ބިން އަބްދުﷲ އަލް ޚަލީފާ އާއި ބަޓެލްކޯގެ ބޯޑުގެ އިތުރުން ބަހްރައިންގެ ރައްޔިތުންގެ ފަރާތުން ރާއްޖެއަށް ދިން އެހީއެއް ކަމަށެވެ.
"ރާއްޖޭގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ކޮށްދެއްވާ މަސައްކަތަށް ވާ އެހީއެއްގެ ގޮތުގައި މި ފައިސާ ހަދިޔާކުރަން ބަޓެލްކޯގެ ބޯޑުން ނިންމާފައިވާ ކަމަށް ބަޓެލްކޯގެ ޗެއާމަން އަޅުގަނޑަށް މިއަދު ލިޔުމުން ވަނީ އަންގާފަ. އަދި މިއީ ރާއްޖެގެ ސަރުކާރާއި ރައްޔިތުންނަށް ބަޓެލްކޯގެ ފަރާތުންނާއި ބަހްރެއިންގެ ރައްޔިތުންގެ ފަރާތުން ވާ އެހީއެއްކަމަށް ބުނެ، މި މެސެޖު ޓާސްކް ފޯސްގެ އިސް ބޭފުޅުންނަށް ރައްދު ކޮށްދެއްވުމަށް ވެސް އެ ބޭފުޅާ އަޅުގަނޑުގެ ފަރާތުން އެދިފައިވޭ،" ދިރާގުގެ ޗެއާމަން ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުގެ، 52 ޕަސެންޓް ހިއްސާ ކޮންޓްރޯލް ކުރަނީ ބަލެޓްކޯއިންނެވެ.