11 Dec 2014, 23:43
ފެންކުން ފުނި އެމްޑަބުލިއުއެސްސީ އަށް ދިމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެއިން ފެންކެނޑުމާއެކު މާލޭގެ ރައްޔިތުންނަށް ފެން ފޯރުކޮށް ދިނުމަށް ބޭރު ގައުމުތަކުން ފޮނުވާފައިވާ 1.2 މިލިއަން ފުޅި ރީސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް ސްކައުޓުން ފަށައިފި އެވެ.
ހުސްފުޅި ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓް ފެށުމަށް މިރޭ އަރަބިއްޔާ ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮޖްކްޓް އިފްތިތާހުކޮށް ދެއްވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމެވެ.
އެ ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އެ ޕްރޮޖެކްޓަކީ ވަރަށް މުހިންމު މަގްސަދެއްގައި ސްކައުޓުން ފެށި ހަރަކާތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މިކަހަލަ ބޮޑު ޕްރޮޖެކްޓަކަށް އިސްނަގައިގެން ސްކައުޓުން ކުރިމަތިލުމަކީ އެހެން ރައްޔިތުންނަށް ދައްކުވައިދޭ ވާރަށް ފުރިހަމަ ނަމޫނާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ސްކައުޓުން ފެށި ރީސައިކަލް ކުރުމުގެ ޕްރޮޖެކްޓްގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފުރިހަމަ ބައިވެރިވުން ލިބޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ އިތުރުން މި ރަސްމިއްޔާތުގައި، އެންވަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވަނީ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ސްކައުޓުން ފެށި ހުސްފުޅި ރިސައިކަލްގެ ކުރުމުގެ ޕްރޮޖެކްޓަށް އެންވާރަމެންޓް މިނިސްޓްރީއާ އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ތޯރިގް ވިދަޅުވި އެވެ.
މާލޭއިން ފެންކެނޑުމާ ގުޅިގެން މާލޭގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސްކައުޓް އެސޯސިއޭޝަންގެ 200 އަށް ވުރެ ގިނަ ދަރިވަނުން ވަނީ ހަރަކާތްތެރިވެފަ އެވެ.