ޅ. ނައިފަރުން އާދަމް ނަޒީރު

މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި ގޮންޖެހުން އެންމެ ބޮޑު ސިނާއަތް ކަަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ޅ. ނައިފަރުގައި ފާހަގަ ކުރާ މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވާ ގޮންޖެހުމަކީ ރާއްޖެއިން ބާނާ މަސް ބޭނުންވާ އަގުގައި ނުވިއްކުން ކަމަށެވެ. އެފަދަ ގޮންޖެހުން ހުރުމުން ބައެއް ކަންތައްތައް ކުރުމަށް ދަތިވާ ކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ.

"ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހޯދުމަށްޓަކާ ކުރާ މަސައްކަތުގައި މަސްވެރިންނާއި ދައުލަތުން މިފޮނުވާ މަސް ދުނިޔޭގެ ބާޒާރުގައި އަގު ކަނޑައެޅުމުގައި އެއްވެސް ދައުރެއް ނޯވޭ. އެއީ ބާނާ މަސްކޮޅު ކުޑަކަމުން. ގޮންޖެހުންތަކަށް ބަލާއިރު، މަހުގެ އަގު ލިބުން، މަހުގެ އަގު ކަނޑައެޅުން، މަސް ފޮނުވާނީ ކޮންތަނަކަށްތޯ، މިކަހަލަ އެތައް ކަމަކަށް ބަލާއިރު އެންމެ ގޮންޖެހުންތައް ބޮޑުވާ ސިނާއަތަކީ މަސްވެރިކަމުގެ ސިނާއަތް،" 34 ވަނަ މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ޅ. ނައިފަރުގައި ފާހަގަ ކުރާ މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސްގެ ދެކަނބަލުން-- ސަން ފޮޓޯ/ އިސްބާހު އިސްމާއީލް

ރައީސް ޔާމީން ވިދާޅުވީ ދިވެހިން ބާނާ މަސް ބޭރުގެ ބާޒާރުގައި ވިއްކާއިރު މަސްވެރިކަމުގެ ސިނާއަތުގައި ދިވެހިން ވާދަކުރަން ޖެހެނީ "މާ ވާދަވެރި" ބަޔަކާ ކަމަށެވެ. ނަމަވެސް އެފަދަ ގޮންޖެހުންތައް ދިވެހިންނަށް އޮތްކަމުގައި ވިޔަސް ދިވެހިން ބާނާ މަސް އިތުރު ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމިން ވިދާޅުވީ މަސްވެރިކަމުގައި ގިނަ ވަޒީފާ އުފެދެނީ ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ކުރާ މަސައްކަތުން ކަމަށެވެ. އެހެންކަމުން ސަރުކާރުން ސަމާލުކަންދޭނީ އެފަދަ ކަންކަން ފުޅާކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދިވެހިންގެ ތެރެއަށް މިކަމަށް (މަސްވެރިކަމުގެ ސިނާއަތަށް) ނުކުންނާނީ ޝައްކެވެސް ނެތް ޒުވާނުން އެހެންވެގެން މިފަދަ ކޮންމެ ޖަލްސާއެއްގައި ޒުވާނުންގެ ވާހަކަ އަޅުގަނޑަށް މިދެކެވެނީ. މަސްވެރިކަމުގެ މަސައްކަތަށް ނުކުންނަށް ތިބީ މިފަދަ މީހުން. ޒުވާނުން." ރައީސް ޔާމީން ވިދާޅުވި އެވެ.
މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގެ ތެެރެއިން-- ސަން ފޮޓޯ/ އިސްބާހު އިސްމާއިލް

މަސްވެރިން މަސްވެރިކަމުގައި އުޅެއިރު ޖިސްމާނީ ގެއްލުން ލިބިގެންދާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ، އެގޮތުން އެފަދަ ގެއްލުންތަކުން ސަލާމަތްވުމަށް ސަރުކާރުން އިންޝުއަރެންސް ސްކީމެއް ތައާރަފްކޮށްފައިވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ މެނިފެސްޓޯގައިވާ ބެޔަސް ނުބެޔަސް ލޯން ސްކީމަށް އަލިއަޅުއްވާލައްވަމުން ރައީސް ޔާމީން ވަނީ މަސްވެރިން އަޖުމަ ބަލާލުމަށް މި ސްކީމުގައި ބައިވެރިވުމަށް އިލްތިމާސްކުރައްވާފައި އެވެ.

"ބެޔަސް ނުބެޔަސް އިންޝިއަރެންސް ސްކީމުުގައި އަޖުމަ ބަލާލަން ބައިވެރިވުން ކީއްތޯ.." ރައީސް ޔާމީން ވިދާޅުވި އެވެ.

އެފަދަ ކަންތަައްތައް ސަރުކާރުން ކުރަމުންދަނީ މަސްވެރިކަމަށް މީހުން ޝައުގުވެރިކުރުވުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކިތަންމެ ބައިވަރު ގޮންޖެހުންތައް ހުރި ނަމަވެސް މަސްވެރިކަމުގެ ސިނާއަތް ކާމިޔާބުކުރަންޖެހޭ ކަމަށެވެ.