ފެނުގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތިން ދުވަހު ވެސް، އެމްޑަބްލިއުއެސްސީން ދޫކުރާ ސަޕްލައި ފެން 24 ގަޑިއިރަށް ލިބޭނެ ކަމަށް ޓާސްކް ފޯހުން ބުނެފި އެވެ.

ފެނުގެ މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޓާސްކް ފޯހުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ 24 ގަޑިއިރަށް ފެން ދޫކުރާއިރު، ފެން އިގްތިސާދު ކުރުމަށް މާލޭ ރައްޔިތުން އިސްކަން ދޭން ޖެހިފައިވާ ކަމަށެވެ. މާލޭގެ ގެތަކަށް ސަޕްލައި ފެން 24 ގަޑިއިރަށް މިހާރު ދޫކުރަނީ ވަގުތީ ސެޓަޕެއްގެ ދަށުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ހުކުރު ދުވަހަކީ އެންމެ ގިނައިން ފެން ބޭނުން ކުރާ ދުވަސްކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، ހުކުރު ދުވަހު އަންނައުނު ދޮވުމަށް ގެންގުޅޭ ވަގުތުތަކަށް ބަދަލު ގެނައުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ފެން ކުންފުނީގެ ރިކޯޑްތަކަށް ބަލާއިރު ހުކުރު ދުވަހުގެ މެންދުރު ވަގުތަކީ އެންމެ ގިނައިން އެކި ކަންކަމަށް ފެން ބޭނުންކުރެވޭ ވަގުތުކަން އަޅުގަނޑުމެނަށް ފާހަގަވޭ. އެވަގުތަކީ ހުކުރަށް ދިޔުމަށާއި ގޭތެރޭގެ އެކިއެކި ކަންކަމަށް އެންމެ ގިނައިން ފެން ބޭނުންކުރެވޭ ވަގުތު. އެހެންކަމުން މިހެން ހުރި މިފަދަ ކަންކަން އެކިއެކި ވަގުތުތަކަށް ބަހާލައިން ދުވަހުގެ ތެރޭގައި ކުރިއަށް ގެނދިޔުމަކީ އިސްކަން ދޭންޖެހޭ ކަމެއް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސިފައިންގެ މޮބައިލް ޔުނިޓުތަކުން މާލޭގެ އެކި ސަރަހައްދުތަކުގައި ދޫކުރަމުން ދިޔަ ފެން ބޭނުންކުރާ ރައްޔިތުންގެ އަދަދު މަދުކަމަށް ފާހަގަ ކުރެވޭތީ، މޮބައިލް ޔުނިޓުތަކުން ފެން ދޫކުރުން ހުއްޓާލާ ސިފައިގެ ސަރަހައްދުތަކުގައި ތައްޔާރީ ހާލަތެއްގައި އެ ޔުނިޓުތައް ބަހައްޓަން ގަސްދުކޯސްފައި ޥާކަމަށެވެ. އަދި މާލޭގެ އެކިއެކި ޕޮއިންޓުތަކުން ދޫކުރަމުން ދިޔަ ފެންވެސް ދޫކުރުން ހުއްޓާލަން ގަސްދުކޮސްފައި ވާކަމަށާއި، ނަމަވެސް އެމްޕީއެލްގެ ސަރަހައްދުންނާއި ވިލިމާލެ ފެރީ ޓާމިނަލުން 254 ގަޑިއިރު ފެން ދޫކުރަމުން ދާނެ ކަމަށެވސް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މާލެ ފެނަށް ޖެހުމުން ސަލާމަތީ ބާރުތަކުން ދޫކުރަން ފެށި ފެން ފުޅިތައް މާދަމާވެސް ދޫކުރަން ގަސްދުކުރާ ކަމަށެވެ. ނަމަވެސް އެ ފެންފުޅިތަކުގެ ވަކި އަދަދެއް ދެތަނަކަށް ހާއްސަ ކުރުމަށްފަހު، ދޫކުރަން ހަމަޖެހިފައި ވަނީ ބާކީ ހުރި ފެން ފުޅިތައްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހިލޭ އެހީގެ ގޮތުގައި ލިބިފައި ހުރި ފެން ފުޅިތައް އަޅުގަނޑުމެން ދެ ތަނަކަށް ހާއްސަ ކުރަން. އެއީ ގުރާދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށާއި ވިލިނގިލީގެ ކުޑަކުދިންގެ ހިޔާއަށް. ބާކީ ހުންނަ ފެންފުޅިތައް އަޅުގަނޑުމެން ގަސްދުކުރަނީ މާލޭގެ ރައްޔިތުންނަށް ބެހުމަށް. އެ ފެންފުޅިތައް ބަހާނީ މީގެ ކުރިންވެސް ފެންފުޅިތައް ދޫކުރި ސަރަހައްދުތަކުން. އަދި ފެންފުޅިތައް ހުސްވަންދެން މިކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ނާޒިމް ވިދާޅުވިއެވެ.