އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި ފަނޑިޔާރު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމުމުން، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީން އެގޮތަށް ނިންމީ އެ ޕާޓީން މިރޭ ބޭއްވި ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ފާއިޒާއި މުއުތަސިން ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމާފައި ވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.

އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓު މިރޭ ހުޅުވައިގެން އެ މައްސަލަ ބަލައިދިނުމަށް އެ ކޯޓަށް ސިޓީއެއް ފޮނުއްވާނެ ކަމަށެވެ. އަދި މީގެ ކުރިން ބޮޑެތި މައްސަލަތަކުގައި ސުޕްރީމް ކޯޓު ހުޅުވައިގެން މައްސަލަތައް ބަލާފައިވާތީ، އެމްޑީޕީން މިރޭ ހުށަހަޅާ މައްސަލަ ކޯޓުން ބަލައިގަންނަންޖެހޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ފާއިޒާއި މުއުތަސިމް ވަކިކުރަން ޖޭއެސްސީން ނިންމީ ކޯޓްތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ. ސުޕްރީމްގެ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކިކުރަން ލާޒިމްކޮށްފައިވާ އެ އިސްލާހުގައި ބުނެފައިވާ ގޮތުން ދެ ފަނޑިޔާރަކު ވަކިކުރެވޭނީ މަގާމަށް ގާބިލު ނޫން ކަމަށް ޖޭއެސްސީ އަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށެވެ. އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެގެން ކަމަށް ގާނޫނުގައިވެ އެވެ.

މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވާ ދެ ފަނޑިޔާރުންގެ ނަންތައް ބިލް ތަސްދީގު ކުރާތާ ތިން ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ ނަންތައް މަޖިލީހަށް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހެ އެވެ.