މިއަހަރުގެ "ފިޝަރީޒް އެކްސްޕޯ" ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޅ. ނައިފަރުގައި މިއަދު ހުޅުވައި ދެއްވައިފި އެވެ.

މަދަރުސަތުލް އިފްތިތާހުގައި މިއަދު ހުޅުވި ފިޝަރީޒް އެކްސްޕޯގައި ރާއްޖޭގެ މަޝްހޫރު 10 ވިޔަފާރި ކުންފުންޏަކުންއެ ބައިވެރިވެފައިވެ އެވެ.

"ސަން"އާ ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސީނިއާ ރިސާޗް އޮފިސަރު އާދަމް ޒިޔާދު މިއަދު ވިދާޅުވީ އަތޮޅުތެރޭ ރަށެއްގައި މިކަހަލަ ބޮޑު ފެއާއެއް ހުޅުވުމުގެ މައިގަނޑު އެއް މަގްސަދަކީ ރަށްތަކުގައި އުޅޭ ރައްޔިތުންނަށް ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި އެކުންފުނިތަކުން ފޯރުކޮށްދޭ އާލާތްތައް ދައްކާލުން ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ރާއްޖެތެރޭގައި މި އެކްސްޕޯ ހުޅުވުމުގެ ބޭނުމަކީ ރާއްޖެތެރޭގައި އުޅުއްވާ ރައްޔިތުންނަށް ކުންފުނިތަކުގެ ޕްރޮޑަކްޓުތައް ދައްކާލުމުގެ ބޭނުމަކީ އުނދަގު ކަމަކަށް ވާތީ. އެހެންނޫނިއްޔާ މުޅިން ޓީވީން ނޫނީ ރޭޑިއޯއިން މި ކަހަލަ މައުލޫމާތުތައް މި ގެނެސްދެނީ،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މަޝްހޫރު ކުންފުނިތަކުގެ ޕްރޮޑަކްޓުތައް ބަލާލުމަކީ ރައްޔިތުންނަށް ވަރަށް ނުލިބޭ ފުރުސަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުންފުނިތަކަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

މި އެކްސްޕޯގައި ހިމެނޭ ބޯޓު ބިލްޑިން ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް މެރިން ސާވިސްގެ އިސް ބޭފުޅެއް ކަމަށްވާ އަލީ ހަސަން ވިދާޅުވީ ފިޝަރީޒް އެކްސްޕޯގެ ސަބަބުން އެބޭފުޅުންގެ ކުންފުނި އިތުރަށް މަގްބޫލު ވެގެންދާ ކަމަށެވެ.

"މިހާރު މިތަންތަނަށް އަންނާނެ ރިސޯޓުތަކުގެ އޯނަރުންނާއި އެހެނިހެން ބޭފުޅުން ވެސް. އައިސް އަޅުގަނޑުމެންގެ މަސައްކަތް ބަލާފައި ބިޒްނަސް ކާޑު ގެންދިޔާމަ އެ ވަރަށް ބޮޑަށް އެކްސްޕޯސްވީ. އަޅުގަނޑުމެން އިތުރަށް މާކެޓުވީ ދެއްތޯ. އެހެންވީމަ އަޅުގަނޑު އުއްމީދު ކުރަނީ މީގެ ސަބަބުން އަޅުގަނޑުމެންނަކީ ކޮންބައެއްކަން އެނގޭނެ،" އަލި ހަސަން ވިދާޅުވި އެވެ.

މިއަދު ހުޅުވި ފިޝަރީޒް އެކްސްޕޯގައި ބައިވެރިވެފައިވާ ކުންފުނިތަކުގެ ތެރޭގައި މޯލްޑިވްސް މެރިން ސާވިސް އާއި ދިރާގާއި އެންޒީ ފަދަ ކުންފިނިތައް ހިމެނެ އެވެ.