މާލެ އަށް ކުރިމަތިވެފައިވާ ފެނުގެ މައްސަލައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިއަދު ރާއްޖެ އައި ބަންގްލަދޭޝް އަސްކަރީ މަނަވަރުން ގެނައި 1.2 ޓަނުގެ ޑީސެލިނޭޝަން ޕްލާންޓް ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.

މިއަދު ހަވީރު އެމްޕީއެލް ސަރަހައްދުގައި އޮތް ރަސްމިއްޔާތެެއްގައި ބަންގްލަދޭޝް އިން ރާއްޖެ އައި މަނަވަރު "ބީއެންއެސް ސުމުންދުރާ" އިން މި ފަސް މެޝިންގެ އިތުރުން 100 ޓަނުގެ ބޯފެން (ބޮޓްލްޑް ވޯޓާ) ވެސް ވަނީ ޓާސްކް ފޯސްއާ ހަވާލުކޮށްފަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ހުސައިން އަލީ މިއަދު "ސަން" އަށް ވިދާޅުވީ ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެ އަށް ފޮނުވި މަނަވަރުން ގެނައި އެ ފަސް މެޝިނުން ކުރެ ކޮންމެ މެޝިނަކީ ދުވާލެއްގެ މައްޗަށް 1.2 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިދީފައިވާ މެޝިންތަކެއް ކަމަށެވެ.

ބަންގްލަދޭޝް އިން މިއަދު ރާއްޖެ އައި އެ މަނަވަރަކީ މާލެ އަށް ދިމާވި ފެނުގެ މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝައިހު ހަސީނާ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ފޯނުން ގުޅުވައި، ރާއްޖެ އަށް ފެން ފޮނުއްވައި ދެއްވާނެ ކަމަށް ވިދާޅުވެ، އެ ގައުމުގެ ސަރުކާރުން ފެނާ އެކު ފޮނުވި މަނަވަރެކެވެ. އޭގެ އިތުރުން ފެނުގެ މައްސަލާގައި ބަންގްލަދޭޝްގެ ސަރުކާރަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވަމުން ގެންދަވާނެ ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ.