11 Dec 2014, 17:39
ސްރީލަންކާގެ ރައީސް ރާޖަޕަކްސާގެ ވެރިކަން ކުރާ ކޯލިޝަނުން އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ، އަދި ތަމަޅަ ނަސްލުގެ އިތުރު ދެ މެމްބަރަކު ވަކިވެ، އިދިކޮޅު ކޮމަން ކެންޑިޑޭޓާ އިއްޔެ ގުޅިވަޑައިގެންފި އެވެ.
ރާޖަޕަކްސާގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާ، ޕަލާނީ ދިގަމްބަރަމް އާއި ވީ ރަދާކްރިޝާން ސަރުކާރުން ވަކިވެ، އަދި ޕާޓީ ބަދަލު ކުރެެއްވީ ރާޖަޕަކްސާ އަކީ ވައުދު ނުފުއްދަވާ ބޭފުޅެެއް ކަމަށް ވިދާޅުވެ އެވެ.
ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު
ރޫލިން ޕާޓީ އިން އަލަށް ވަކިވެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް ދެ މެމްބަރުނާ އެކު ޕާޓީ ބަދަލު ކުރެއްވި މެމްބަރުންގެ އަދަދު 13 އަށް އެރީ އެވެ.
ރައީސް ރާޖަޕަކްސާގެ ރޫލިން ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް ކޯލިޝަނާ ވެސް ދާދިފަހުން ވަނީ އިދިކޮޅު ދެ މެމްބަރަކު ގުޅިވަޑައިގެންފަ އެވެ.
ނަމަވެސް އިއްޔެ ކޮޅު ބަދަލު ކުރެެއްވި ދެ މެމްބަރުންނާ އެކު 225 މެމްބަރުންގެ މަޖިލީހުގައި ސަރުކާރު ކޮންޓްރޯލް ކުރަމުން އައި ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތަށް ވަނީ ނުރައްކާވެފަ އެވެ. މިހާރު މަޖިލިހުގައި ސަރުކާރު ޕާޓީ އަށް ނިސްބަތްވާ ތިބީ، ސްޕީކަރާ އެކު 150 މެމްބަރުންނެވެ. ރިޔާސީ އިންތިހާބަށް އިއުލާނު ކުރި ފަހުން ދެ ފަރާތުން އަޅައި ކެނޑުމުން 11 މެމްބަރުން ވަނީ ސަރުކާރު ހިންގާ ޕާޓީ އިން ވަކިވެފަ އެވެ.
ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ކެމްޕޭންގައި އެންމެ ބޮޑު އިސްކަމެއް ދެނީ ގެދޮރާއި ތައުލީމާއި ސިއްހީ ނިޒާމުތަކާއި ތަމަޅަ މީހުންނަށް ދަނޑުބިންތައް ގާއިމުކޮށް ދިނުމަށެވެ.