11 Dec 2014, 17:29
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ފަޑިޔާރުން މަދު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރުން ވަކި ކުރުމަށް އިއްޔެ މަޖިލީހުން ފާސްކޮށް ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު މިއަދު ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފު ވިދާޅުވީ ބައެއް ބޭފުޅުންނަށް ނޭނގި ތިބެ ވާހަކަ ދައްކަވާ ކަމަށާއި މަޖިލީހުން ފާސްކޮށްފި ނަމަ ރައީސުލްޖުމްހޫރިއްޔާ ވެސް ވަކި ކުރެވިދާނެ ކަމަށެވެ.
"ގާނޫނު އަސާސީގައި އެ އޮތީ ކަޅާއި ހުދުން ލިޔެވިފައި އޮތީ މަޖިލީހުގެ [ހާޒިރުވި މެމްބަރުންގެ] ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ ކޮންމެ މީހަކު ވެސް މަގާމުން ވަކި ކުރެވޭނެ ކަމަށް، އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ވިޔަސް،" ޝަރީފް ވިދާޅުވި އެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ފަނޑިޔާރުން ހަތަކުން ފަހަކަށް މަދު ކުރުމަށް މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ހިލފަށް ނިންމި ނިންމުމެއް ކަމަށެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ކޯޓުތަކުގެ ގާނޫނަށް، ފަޑިޔާރުން މަދުކުރުމަށް ޝަރީފު ހުށައެޅުއްވި އިސްލާހު ވަނީ ފާސްވެފަ އެވެ. ނަމަވެސް މި އިސްލާހަށް ޝަރީފު ވޯޓު ދެއްވާފައެއް ނުވެ އެވެ.