މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާ އިރު މި އަހަރު ނޮވެމްބަރު މަހު ރާއްޖެ އިން މުދާ ބޭރުކުރި މިންވަރު 33 ޕަސެންޓް ދައްވެ، ރާއްޖެ އަށް މުދާ އެތެރެކުރި މިންވަރު އަށެއް ޕަސެންޓް އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ ނޮވެމްބަރު މަހުގެ އިމްޕޯޓް/ އެކްސްޕޯޓް ތަފާސް ހިސާބުތައް ދައްކާ ގޮތުން ހުސްވި ނޮވެމްބަރު މަހު ރާއްޖެއިން އިމްޕޯޓްކޮށްފައި ވަނީ 2702.7 މިލިއަން ރުފިޔާގެ މުދަލެވެ.

ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއިން ވަނީ 2025.9 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފަ އެވެ. އަދި ވޭތުވެދިޔަ ނޮވެމްބަރު މަހު ދިވެހި ރާއްޖެ އިން މުދާ އެކްސްޕޯޓް ކުރި މިންވަރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާ އިރު ވަނީ އަށެއް އިންސައްތަ ދަށްވެފަ އެވެ.

ހުސްވި ނޮވެމްބަރު މަހު މުދާ އެކްސްޕޯޓްކުރި މިންވަރު ދައްވި މައިގަނޑު ސަބަބެއް ކަމަށް ކަސްޓަމްސް އިން ބުނީ އެ މުއްދަތުގައި ރާއްޖެ އިން އެކްސްޕޯޓް ކުރި ފިނިކުރި ކަޅުބިލަމަހާއި ކަންނެލީގެ މިންވަރާއި ފިނިކުރީ ރީނދޫ އުރަހަ ކަންނެލީގެ މިންވަރު މިދިޔަ އަހަރާ އަޅާ ބަލާއިރު ދައްވެފައިވާތީ ކަމަށެވެ.

ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު އަށް ޕަސެންޓް އިތުރުވެފައިވާ އިރު އިމްޕޯޓް ކުރި މުދަލުގެ އަގުގެ ގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކަށެވެ. އެގޮތުން 542.3 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައިވާ އިރު ދެވަނައަށް އެންމެބޮޑު ހޭދައެއް ކޮށްފައި ވަނީ މެޝިނަރީ އާއި އިލެކްޓްރޯނިކްސް އަށެވެ. ތިންވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ތެލުގެ ބާވަތްތަކަށެވެ.

ނިމިގެން ދިޔަ ނޮވެމްބަރު މަހު ކަސްޓަމްސް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު 34 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު އާމްދަނީގެ ގޮތުގައި 134 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއަހަރު ނޮވެމްބަރު މަހު މި އަދަދުވަނީ 180.8 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ހުސްވި ނޮވެމްބަރު މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އިމްޕޯޓްކޮށްފައި ސިންގަޕޫރުންނެވެ. އަދި އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލޭންޑަށެވެ.