11 Dec 2014, 16:32
ސްރީލަންކާގައި ޗުއްޓީއެއް ހޭދަކުރަމުން ދަނިކޮށް، މައްޝޫރު ފިލްމީ ތަރި އަލީ ސީޒަން އަށް ކުއްތާއެއް ހަމަލާދީ ދަތްއެޅުމުގެ ސަބަބުން ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހިއްޖެ އެވެ.
ދިވެހި ފިލްމް "އެރޭގެ ފަހުން"ގެ މަންޒަރުތައް ނެގުމަށް މިވަގުތު ހދ. ނޮޅިވަރަމަށް ގޮސް ހުރި ސީޒަން މިއަދު "ސަން" އަށް ބުނީ އެ ހާދިސާ ހިނގީ މިދިޔަ ހުކުރު ވިލޭރޭ މައުންޓްލަވީނިޔާ ސަރަހައްދު، އަތިރިމަތީން އޭނާ ހިނގާފައިވާ ގެއަށް ދަނިކޮށް އެ ސޮރު ކުއްލިއަކަށް ހަމަލާ ދިނުމުން ކަމަށެވެ.
ސީޒަން ބުނީ އެ ކުއްތާ އޭނާގެ ފަހަތުން އައިސް ކުއްލިއަކަށް ފައިގާ ދަތް އެޅުމުން އޭތި ކައިރިން ސަލާމަތް ވުމަށް ހެދުނު ނުހެދުނު ގޮތެެއް ވެސް ނޭނގުނު ކަމަށެވެ.
"ފަހަތުން އައިސް ކުއްލިއަކަށް އޭތި ދަތްއެޅީ، ނަސީބަކުން ޖިންސު މަތިން އޭތި ދަތް އަޅާފައި ހުރީ، އެހެންނަމަވެސް އޭތިގެ ދަތްތައް ފައިގެ މަސްގަނޑު ފޫއަޅުވާލުމުން ވަރަށް ގިނައިން ލޭ އައި، އެވަގުތު ވީތަދެއްގެ ބޮޑުކަމުން އޭތި ކައިރިން ސަލާމަތް ވާން ވެގެން ފައި ދަމައިގަތީމާ ފައި ނެއްޓުނީ. ދެވަަނަ ފަހަރަށް އޭތި އެޓޭކްނުކޮށް ފިލީ ބިންމަތިން އެއްޗެހިތަކެއް ނަގާފައި އެ ސޮރާ ދިމާލަށް އުކަން ފެށުމުން،" ސީޒަން ބުންޏެވެ.
ސީޒަން ބުނީ އެ ހާދިސާ އަށް ފަހު ގެއަށް ގޮސް ޑިޓޯލް ލައިގެން ކުއްތާ ދަތް އެޅި ތަން ދޮވެ، ސާފުކުރުމަށް ފަހު ނިދީ ކަމަށެވެ. ނަމަވެސް ހުކުރު ދުވަހުގެ ހެނދުނު އޭނާ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ނުވަ އިންޖެކްޝަން ޖެހި ކަމަށެވެ. އަދި އިތުރަށް ޖަހަން ޖެހޭ ފަސް އިންޖެކްޝަން ޖަހަން ޖެހެނީ އެކި ތާރީހުތަކުގައި ކަމަށްވާތީ އެތަކެތި މާލެ ގެނެސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެ އިންޖެކްޝަނަކީ މާލެ އިން ލިބެން ހުންނަ އެއްޗެއް ނޫން، އެހެންވެ މާލެ އަށް އެތަކެތި ހިފައިގެން މިއައީ ވެސް، އިއްޔެ ވެސް އެކަތި ޖެހިން، ކުއްތާ ދަތް އެޅިފަހުން މީހާ ހުންނަނީ ވަރަށް ބޮޑަށް ފަރުބަލިވެފައި، އެނޫން އިތުރު ކަމެއް ނުފެނޭ،" ސީޒަން ބުންޏެވެ.
ސީޒަން ބުުނީ އޭނާ އަށް ދިމާވި އެ ހާދިސާގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބި އެކަމުން ސަލާމަތްވީ އަބްދުލްހައްނާނު މޫސާ ދީދީ އާ އޭނާގެ އާއިލާގެ ވަރަށް ބޮޑު އެހީތެރިކަަަމަކާ އެކުގައި ކަމަށެވެ.
ކުއްތާ ދަތްއެޅުމުން ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމުގައިވާ ރޭބީސް އިން ސަލާމަތް ވުމަށް ޓަކައި އެފަދަ ހާދިސާއެއް މެދުވެރި ވެއްޖެ ނަމަ ވީއެންމެ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ފަހު، އިންޖެކްސަން ޖަހަންޖެހެ އެވެ. ބައެއް ހާލަތްތަކުގައި ފުރާނަ އަށް ވެސް ނުރައްކާވާ މި ބަލި ޖެހުން ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ދަތްއެޅި ތަނަކުން ދިލަނެގުން ހިމެނެ އެވެ. މީގެ އިތުރުން ސިކުޑީގެ މައްސަލަތަކާއި ހަށިގަނޑުގެ ވަކި ގުނަވަންތަކެއް ހަރަކާތްނުކުރެވުމާއި ފިޓްޖެހުން އަދި ހޭނެތުމަކީ ވެސް އެ ބަލީގެ އަލާމާތްތަކެކެވެ.