11 Dec 2014, 16:12
ކޮނޑޭ އައިލެންޑް ސޮސައިޓީ ފޯ ސްޕޯޓްސް އެވެއާނެސް ރެކްރިއޭޝަން ޔުނިޓީ (ކިއްސަރު) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ސްނިކާސް ކިއްސަރު ފުޓްސެލް މުބާރާތުގެ ޗެންޕިއަންކަން އޭޖާސް ޔުނައިޓަޑް ހޯދައިފި އެވެ.
އޭޖާސް ޔުނައިޓަޑް މުބާރާތުގެ ޗެންޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި ސްޕޯޓްސް ކްލަބް ބަފާނާ އާއި ބައްދަލުކޮށް 5-3ގެ ނަތީޖައަކުން މެޗު ކާމިޔާބު ކޮށްގެނެވެ. އެ މެޗުގައި އޭޖާސް ޔުނައިޓަޑްގެ އަބްދުﷲ ޝައްފާން އެ ޓީމަށް ތިން ލަނޑު ކާމިޔާބު ކޮށްދީފައިވާ އިރު، އެ ޓީމްގެ އަބްދުﷲ ޝިނާހު އާއި މުހައްމަދު މުންތާޒް ކޮންމެ ކުޅުންތެރިއަކު ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ.
އެ މެޗުގައި ސްޕޯޓްސް ކްލަބް ބަފާނާ އިން ޖެހި ތިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ޝިނާޒް މުހައްމަދު އާއި އަލީ ޝިފާއު އަދި ރިފްޝާން ރަޝީދު އެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އޭޖާސް ޔުނައިޓަޑްގެ އަބްދުﷲ ޝައްފާން އެވެ.
މުބާރާތުގެ ފައިނަލް މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ހަފްލާގައި ޗެންޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ މުބާރާތުގެ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު އަދި ހައުސިން މިނސްޓްރީގެ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެ ހަފަލާގައި މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.
އެ މުބާރާތުގެ އެންމެ ސަޕޯޓިންގް ޓީމަކަށް ހޮވުނީ ސްޕޯޓްސް ކްލަބް ބަފާނާ އެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އަޒީ ސްޕޯޓްސް އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް އަޒީ ސްޕޯޓްސްގެ ސަލްމާން ހޮވިފައިވާ އިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމާއި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މާގާމް ހޯދީ އޭޖާސް ޔުނައިޓަޑްގެ އަބްދުﷲ ޝައްފާން އެވެ.
އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އޭޖާސް ޔުނައިޓަޑްގެ އަބްދުﷲ ޝައްފާން އާއި މުރާދު މުހައްމަދު އާއި ސްޕޯޓްސް ކްލަބް ބަފާނާގެ ޝިނާޒް މުހައްމަދު އާއި އަލީ ޝިފާއު އަދި ޕިންކް ބޯއީސްގެ އަހުމަދު ނާހިދު އެވެ.
މި މަހުގެ ފަހަކުން 10 ވަނަ ދުވަހަށް ގއ. ކޮނޑޭގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގައި މިފަހަރު އެ ރަށުގެ ފަސް ޓީމެއް ވާދަކޮށްފައިވެ އެވެ. ދެ އަހަރުން އެއް އަހަރު އެ ރަށުގައި ބާއްވަމުން އަންނަ އެ މުބާރާތް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2002 ވަނަ އަހަރު އެވެ.