01 Feb 2011, 20:19
އައްޑޫ ސިޓީ ކައުންސިލް ފެބްރުއަރީ ފަހެއްގައި ނުބާއްވާ ގޮތަށް އިލެކްޝަނުން ނިންމައިފި އެވެ.
ކޮމިޝަނުން ބުނީ މިމަހުގެ ފަސް ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލްގެ އިންތިހާބު އެ ތާރީހުގައި ނުބާއްވާ ގޮތަށް ހަމަޖެއްސީ ލޯކަލް ގަވަރްމަންޓް އޮތޯރިޓީން ކުރި އިއުލާނަކީ ބާތިލު އިއުލާނެއް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލެއްގެ ޝަރުތު ހަމަ ނުވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކުރައްވާފައިވާތީ އައްޑޫގައި ލޯކަލް ކައުންސިލް އިންތިހާބު ދެން ބާއްވާނީ އިންތިހާބު ބާއްވާނެ ކައުންސިލެއް ނުވަތަ ކައުންސިލްތަކެއް ގާނޫނީ ހަމަތަކުގެ މަތިން އުފެދުނީމާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
އައްޑޫ ސިޓީ ކައުންސިލް އުފައްދަން ލޯކަލް ގަވަރުމަންޓް އޮތޯރީޓީން އެންމެ މެންބަރަކު އެކަނި ހުންނަވައިގެން ކަނޑައެޅި ޝަރުތުތައް ސައްހަ ނޫން ކަމަށް ސިވިލް ކޯޓުގެ ތިން ގާޒީން ކަމަށްވާ އަލީ ނަސީރާއި އާއިޝާ ޝުޖޫން އަދި ހާތިފް ހިލްމީ ހުކުމް ކުރީ މިއަދު އެވެ.
އައްޑު އަތޮޅު ހުޅުދޫ އަންނާރު ވިލާ، ހަސަން ނާސިރު ދައުވާކުރުމުން ޝަރީއަތް ހިންގުމަށް ފަހު ސިވިލް ކޯޓުން އިއްވެވި ހުކުމުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ޖަދުވަލް ދޭއް ގެ ދެވަނަ ނަމްބަރާއި ތިންވަނަ ނަމްބަރުގައި ބުނާ ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާ ޝަރުތުތަކުގެ ތަފްސީލް ކަނޑައަޅައި ލޯކަލް ގަވަރްމަންޓް އޮތޯރިޓީން އާންމުކުރި އިއުލާނަކީ އެ އޮތޯރިޓީގެ ބޯޑުގެ އަޣުލަބިއްޔަތުން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.
ލޯކަލް ގަވަރްމަންޓް އޮތޯރިޓީން އެ ޝަތުރު ކަނޑައަޅާ އިއުލާން ކޮށްފައި ވަނީ އެންމެ މެންބަރެއްގެ ގޮތުގައި ހޯމް މިނިސްޓަރު ހަސަން އަފީފް އެކަނި ހުންނަވައިގެނެވެ.