11 Dec 2014, 15:47
މުއާސަލާތީ ކުންފުނި ދިރާގުން، ފޯޖީ އެލްޓީއީ ނެޓްވޯކް މުޅި ރާއްޖެއަށް ފުޅާކުރުމަށް ފަށަފައިވާ މަޝްރޫއުގެ ދަށުން ޅ. ނައިފަރަށް ފޯޖީ އެލްޓީއީ ނެޓްވޯކް ތައާރަފުކޮށްފި އެވެ.
ނައިފަރު ރަށުކައުންސިލް އިދާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފޯޖީ އެލްޓީއީ ނެޓްވޯކް ނައިފަރަށް ތައާރަފުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު އާއި ފާދިޕޮޅު ކައުންސިލްގެ އިސް ވެރިންނެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ޑރ. ޝައިނީ ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަސް ރަސްމީގޮތުން ފާހަގަކުރެވެމުންދާ ޅ. ނައިފަރުގައި 4ޖީ ފަދަ އާޓެކްނޮލޮޖީ އާއި ހަލުވި އިންޓަނެޓް ދިރާގުގެ ފަރާތުން ތައާރަފުކުރުމަކީ މަސްވެރި އާއިލާތަކަށާއި ނައިފަރުގެ ކިޔަވާ ކުދިންނާއި އަދި ޖުމްލަކޮށް ނައިފަރުގެ ރައްޔިތުންނަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާޢީލް ރަޝީދު ވިދާޅުވީ ދިރާގުން މުޅިރާއްޖެ އަށް އިންޓަނެޓް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން، މުޅި ރާއްޖޭގައި މޮބައިލް އިންޓަރނެޓްގެ ސްޕީޑް މަތިކުރެވި މިހާރު 4ޖީގެ ޚިދުމަތް ވެސް ނައިފަރުގައި ވެސް ބޭނުންކުރެވޭނެ ކަމަށެވެ.
"ހަލުވި ސްޕީޑްގައި ފޯޖީ އެލްޓީއީ ނެޓްވޯކް ނައިފަރަށް ލިބިގެން ދިޔުމަކީ ވަރަށް އުފާ ކުރާކަމެއް. އަދި ހަލުވި ސްޕީޑްގައި އިންޓަނެޓް ލިބިގެން ދިޔުމުން ރަށުގެ ހުރިހާ މުއައްސަސާތަކާއި ރަށަށް ޒިޔާރަތްކުރާ ފަރާތްކަތަކަށް ވެސް އިތުރު ކުރިއެރުމާ ލުއި ފަސޭހަތައް ލިބިގެންދާނެ،" އިސްމާއިލް ވިދާޅުވި އެވެ.
އިސްމާޢިލް ރަޝީދު އިތުރަށް ވިދާޅުވީ މިހާރު ދިރާގުގެ މޮބައިލް ނެޓްވޯކް ވާނީ އަޕްޑޭޓްކޮށް ތްރީޖީ ސްޕީޑް އެތައްގުނައެއް ރަނގަޅުކުރެވިފައިވާ ކަމަށެވެ. އެގޮތުން ޒަމާނީ ފޯޖީ ނެޓްވޯކެއް ގާއިމްކޮށް ތްރީޖީ ސްޕީޑްގެ 10 ގުނަ ހަލުވި ސްޕީޑް ދިރާގު އެލްޓީއީ ނެޓްވޯކް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ލިބޭނެކަމަށް ވިދާޅުވި އެވެ.
ރާއްޖެއަށް ފޯޖީ ނެޓްވޯކްގެ ޚިދުމަތް ތައާރަފުކުރުމަށް ފަހު އަތޮޅުތަކަށް އެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެދަށުން ދިރާގުން މިހާރު ވަނީ ގއ. ވިލިނގިލި، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށްޓަށް ފޯޖީ އެލްޓީއީ ނެޓްވޯކް ތައާރަފްކޮށްފަ އެވެ.