11 Dec 2014, 15:46
މާލެ އަށް ދިމާވެފައިވާ ފެނުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުން އަަންނަ މަސައްކަތުގެ ދަށުން މާލެ އަށް 24 ގަޑި އިރަށް ފެން ދޫކުރަން ފަށައިފި އެވެ.
ފެނުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އުފައްދާފައިވާ ޓާސްކް ފޯސްގެ ޗެއާމަން އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު "ސަން" އަށް ވިދާޅުވީ ޓެސްޓު ކުުރުމުގެ ގޮތުން 24 ގަޑިއިރަށް ފެން ދޫކުރަން މިއަދު ހެނދުނުން ފެށިގެން ފައްޓާފައިވާ ކަމަށެވެ. އަދި ފެނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއްް ލިބެމުން އަންނަ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު ހެނދުނުން ފެށިގެން އެވަނީ ފެން ޓެސްޓަކަށް ދޫކުރަން ފަށާފައި. ސައުވީސް ގަޑިއިރު ފެނުގެ ހިދުމަތް މެދު ނުކެނޑިދެވޭތޯ މިގެންދަނީ ބަލަމުން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެން ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ހެނދުނާއި ހަވީރު ފަސް ގަޑިއިރަށް ފެން ދޫކުރުމަށް ނިންމި ނިންމުމަށް ބަދަލެއް ނާންނަަ ކަމަށެވެ. އަދި މިހާރު އެމްޑަބްލިއުއެސްސީގައި މަރާމާތުކޮށްގެން ބޭނުންކޮށްގެން އަންނަ ޕެނަލް ބޯޑުތަކުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބެމުން އަންނަ ކަމަށާއި ފެނުގެ މައްސަލަ ހައްލު ކުރުމަށް ގެންނަ އާ ޕެނަލް ބޯޑުތައް މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕެނަލް ބޯޑުތައް ވީހާވެސް އަވަހަށް ހަރުކުރެވި އެ މައްސަަލަ އަށް ދާއިމީ ވީއެންމެ އަވަހަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު މިކުރަނީ،" ނާޒިމް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ކުންފުނިން ދޫކުރަމުން ގެންދިޔަ ފެނުގެ ހިދުމަތް މުޅި މާލެ އިން މެދުކެނޑިގެން ދިޔަ ފަހުން، އެއް ގަޑިއިރަށް ދުވާލަކު ދެ ފަހަރު ދޫކުރަމުން ގެންދިޔަ ފެން ތިން ގަޑިއިރުން ފަސް ގަޑިއިރަށް ބަދަލުކުރުމަށް ފަހު، 24 ގަޑިއިރަށް ފެން ދޫކުރަން ޓެސްޓް ކުރަން ފަށާފައި މިވަނީ އެ ހާދިސާ ހިނގިތާ އަށް ވަނަ ދުވަހު އެވެ.