މާލެއަށް ދިމާވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން އެހީއެއް ވުމަށް ޗައިނާގެ "ފޫ ނެންގް ޑާ (އެފްއެންޑީ)" ކުންފުނިން، ވައިގެ ތެތްކަމުގެ އެހީގައި ފެންއުފައްދާ 100 މެޝިން، ދިވެހި ރެޑްކްރެސެންޓަށް މިއަދު ހަދިޔާކޮށްފި އެވެ.

މަޖީދިއްޔާ ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މެޝިންތައް ދިވެހި ރެޑްކްރެސެންޓަށް ހަދިޔާކޮށްދެއްވީ އެފްއެންޑީ ކުންފުނީގެ ސީއީއޯ މާކް ޒިން އެވެ. ދިވެހި ރެޑްކްރެސެންޓުގެ ފަރާތުން އެ މެޝިންތަކާ ހަވާލުވެލެއްވީ އެ ޖަމާއަތުގެ ސެކެޓްރީ ޖެނެރަލް އަބްދުއްރައްޒާގު އިބްރާހީމް އެވެ.

ރާއްޖެ އަށް އަލަށް ތައާރަފުކޮށްފައިވާ އެ މެޝިންތަކުގެ އެހީގައި ވައިގެ ތެތްކަން ބޭނުންކޮށްގެން ދުވާލަކު 4600 ލީޓަރުގެ ފެން އުފެއްދޭނެ އެވެ. ފިނިކޮށް، ހޫނުކޮށް އަދި މިނަރަލައިޒްޑްކޮށް ފެން އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އެ މެޝިންތަކުން ފެން އުފެއްދުމަށް ޓަކައި ވޯޓާ ޕައިޕެއް ނުވަތަ ފެންހޮޅިއެއް އެ މެޝިނުގެ އެއްވެސް ހިސާބަކުން މެޝިނާ ގުޅިފައި ހުންނާކަށް ނުޖެހެ އެވެ.

ދިވެހި ރެޑްކްރެސެންޓުގެ ސެކެޓްރީ ޖެނެރަލް އަބްދުއްރައްޒާގު ވިދާޅުވީ އެ ފެނަކީ އިންސާނުން ބޯން އެންމެ އެކަށޭނަ ފެނެއްތޯ ބެލުމަށް، ފެން ތަހުލީލު ކުރުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މެޝިންތައް ބޭނުންކޮށްގެން ފެން ފޯރުކޮށްދޭ މިންވަރާއި ހާލަތްތައް ބެލުމަށް ފަހު، ދިމާވެދާނެ ފެނުގެ ދަތިކަމަކަށް ތައްޔާރުވެތިބުމަށް އިތު ރުމެޝިން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ދިވެހި ރެޑްކްރެސެންޓުން ބުންޏެވެ.

އޭގެ އިތުރުން ކަމާ ބެހޭ ފަރާތްތައް ގުޅިގެން ސިއްހީ ފަރުވާދޭ މަރުކަޒުތަކާއި ހޮސްޕިޓަލް އަދި އޮފީސްތަކުގައި އެފަދަ މެޝިންތައް ބަހައްޓައިގެން ފެން ފޯރުކޮށްދެވިދާނެ ރަނގަޅު ނިޒާމެއް ގާއިމްކުރެވިދާނެ ރަނގަޅު ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރާ ކަމަށް ރެޑް ކްރެސެންޓުން ބުންޏެވެ.