މާލެއަށް މިވަގުތު ދިމާވެފައިވާ ފެނުގެ މައްސަލައާ ގުޅޭ މައުލޫމާތު ސަރުކާރުން ބޭރުގެ މީޑިއާތަކާ ހިއްސާ ކޮށްފިއެވެ.

ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ބޭރުގެ މީޑިއާތަކާ މައުލޫމާތު ހިއްސާ ކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ.

އޭއެފްޕީ އާއި ބީބީސީ އަދި ރޮއިޓާސްގެ އިތުރުން ޒިންހުއާގެ ނޫސްވެރިން ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ ފެނުގެ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް މިނިސްޓަރު މުންދު ޖަވާބު ދެއްވިއެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ ބޭރު ގައުމުތަކުގެ އެހީތެރިކަމާއެކު މާލޭގެ ފެނުގެ ހާލަތު ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ އަލިފާނުގެ ހާދިސާއަކަށްފަހު ހަލާކުވެފައިވާ ރާއްޖޭގެ ފެން ޕްލާންޓުތައް ހަދަން ބޭނުންވާ ސްޕެއާ ޕާޓްސް ސިންގަޕޫރުން ގެނެސް، މާލޭގެ ރައްޔިތުންނަށް ކުރިން ފޯރިން ކޮށްދިން ފަދައިން އަވަސް މުއްދަތެއްގެ ތެރޭގައި ފެން ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"އަޅުގަނޑުމެނަށް ދިމާވި އެންމެ ބޮޑެތި ދަތިތައް މިހާރު ވަނީ ގާތްގަނޑަކަށް ހައްލުވެފަ. އިންޑިއާ އަދި ޗައިނާގެ މަނަވަރުތަކަކުން މިހާރުވެސް މާލެއަށް ދަނީ ފެން ފޯރުކޯށްދެމުން. އަދި މިކަމުގައި ރާއްޖެއަށް އެހީތެރިވެދިނުމަށް ބަންގްލަދޭޝްގެ މަނަވަރެއް މާދަމާ މާލެ އަންނާނެ. މީގެ އިތުރުން މާލޭގެ ފެން ކުންފުނިންވެސް ވަކި ވަގުތުތަކަކަށް މާލޭގެ ގޭގެއަށް ފެން ދޫކުރޭ،" މުންދު ވިދާޅުވިއެވެ.

އިންޑިއާ އާއި ޗައިނާ އަދި ބަންގްލަދޭޝްގެ އިތުރުން ޖަޕާނާއި ސައުދީ އަރަބިޔާ އަދި ސްރީލަންކާއިން ވެސް ރާއްޖެއަށް އެހީތެރިވެ ދިނުމުގެ ގޮތުން ފުޅީގައި ބަންދުކުރެވިފައިވާ ފެން ރާއްޖެއަށް ފޮނުވާފައިވާ ކަމަށް ވެސް ބެރުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވިއެވެ.