ބަންޑާރަ ގޯއްޗާއި ބަންޑާރަ ގޯތީގައި ހަދާފައި ހުންނަ އިމާރާތްތަށް 50 އަހަރަށް ކުއްޔަށް ދެވޭ ގޮތަށް ބިމާ ބެހޭ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށައެޅުއްވި އެ ބިލުގެ ފުރަތަމަ ކުޔުން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވާފައި ވާއިރު، އަންނަ ހަފްތާގައި އެބިލަށް ބަހުސް ކުރަން ފަށާނެއެވެ.

ސަރުކާރުގެ ފަރާތުން ހުށައެޅުއްވި މި އިސްލާހާ ގުޅޭ ގޮތުން ޕީޕީއެމްގެ ބައެއް މެންބަރުން "ސަން" އަށް ވިދާޅުވީ މި އިސްލާހުގެ ސަބަބުން އިމާރާތްކުރުމުގެ ވިޔަފާރިއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ބިމާ ބެހޭ ގާނޫނުގައި މިހާރު ބުނެފައި ވާ ގޮތުން ގޮތުން ބަންޑާރަ ގޯތި އަދި ގޯތީގައި ހަދާފައި ހުންނަ އިމާރަތްތަށް ކުއްޔަށް ދެވެނީ 35 އަހަރުގެ މުއްދަތަކަށެވެ.

ބިމާބެހޭ ގާނޫނު ފުރަތަމަ ފަހަރަށް އެކުލަވާލީ 2002 ވަނަ އަހަރުއެވެ. އެއީ ބަންޑާރަ ގޯތި 15 އަހަރަށް ކުއްޔަށް ދެވޭ ގޮތަށެވެ. އޭގެ ފަހުން 16 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަނީ އެމުދަތު 35 އަހަރަށް އިތުރުކޮށްފައެވެ.