11 Dec 2014, 15:08
މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި "ކުށްވެރިން ބަދަލުކުރުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން އެފަދަ ބިލެއް ހުށަހެޅުއްވީ ބޭރު ގައުމުތަކުގައި ކުށްކޮށް، ހުކުމް ތަންފީޒުކުރަމުންދާ ދިވެހި ކުށްވެރިން، ދިވެހި މުޖުތަމައަށް އެނބުރިއައުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އެމީހުންގެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒުކޮށް ނިންމުމަށްޓަކައި ދިވެހިރާއްޖެއަށް އެމީހުން އަނބުރާ ގެނެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ބޭނުމުގެވެ.
ސަރުކާރުން ބުނެފައި ވަނީ ދިވެހިރާއްޖޭގައި ކުށްކޮށް، ހުކުމް ތަންފީޒުކުރަމުންދާ ބޭރު ގައުމުތަކުގެ ކުށްވެރިން، އެމީހުންގެ މުޖުތަމައަށް އެނބުރިދިޔުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އެމީހުންގެ އަމިއްލަ ގައުމުގައި ހުކުމް ތަންފީޒުކޮށް ނިންމުމަށްޓަކައި އެމީހުންގެ ގައުމަށް އެމީހުން އަނބުރާ ފޮނުވޭނެ މަގު ތަނަވަސްކޮށްދިނުމަކީ އެ ބިލް ހުށަހެޅުމުގެ ބޭނުމެއް ކަމަށެވެ.
ރައީސް ޔާމީން އެ ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން އެ ބިލް މިހާރު ވަނީ ގާނޫނަކަށްވެ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.