ޔޫއެފާ ޗެންޕިއަންސް ލީގުގައި ރޭ ސްޕޯޓިންގް ސީޕީއާ ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރަށް ޗެލްސީ ދަތުރުކޮށްފި އެވެ.

ޗެލްސީގެ ހޯމް ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖައަކުންނެވެ. އެ ނަތީޖާއާ އެކު ޗެލްސީ ދެވަނަ ބުރަށް ދަތުރު ކޮށްފައި ވަނީ މުޅިއަކު 14 ޕޮއިންޓާ އެކު ގްރޫޕް 'ޖީ'ގެ އެއްވަނަ މަގާމް ހާސިލް ކޮށްގެނެވެ. އެ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ޗެލްސީ ބަލިވެފައި ނުވާއިރު، ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމް ވަނީ ހަތަރު މެޗު ކާމިޔާބުކޮށް، އަނެއް ތިން މެޗުން އެއްވަރު ވެފައެވެ.

ރޭގެ މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ސްޕޯޓިންގްގެ ފިލީޕް ލުއީސް ކުރި ފައުލަކާ ގުޅިގެން ލިބުނު އެ ޕެނަލްޓީ ކާމިޔާބުކޮށް ޗެލްސީއަށް މެޗުގައި ލީޑު ހޯދަދިނީ މެޗުގެ އަށް ވަނަ މިނެޓުގައި އެ ޓީމްގެ ސެސް ފެބްރިގާސް އެވެ. އޭގެ އަށް މިނެޓުފަހުން ޗެލްސީ ވަނީ އެ ޓީމްގެ ލީޑު ފުޅާކޮށްފަ އެވެ. ބާރު ޝޮޓަކާ އެކު ސްޕޯޓިންގްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާ، ޗެލްސީއަސް އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމްގެ އެންޑްރޭ ޝާލާ އެވެ.

ސްޕޯޓިންގްއަށް މެޗުގައި ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު އެ ޓީމުން ކާމިޔާބު ކުރީ މެޗުގެ ދެވަނަ ހާފްގަ އެވެ. މެޗުގެ 50 ވަނަ މިނެޓުގައި އެ ލަނޑު ސްޕޯޓިންގްއަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖޮނަތަން ސިލްވާ އެވެ. އޭގެ ހަ މިނެޓު ފަހުން ޗެލްސީ ވަނީ އެ ޓީމްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށް، އަނެއްކާ ވެސް މެޗުގައި ލީޑް ފުޅާކޮށްލާފަ އެވެ. އެ ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 56 ވަނަ މިނެޓުގައި އެ ޓީމްގެ ޖޯން އޮބީ މިކެލް އެވެ.

އެ ނަތީޖާއައެކު ޗެލްސީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާ އިރު، އިނގިރޭސި ޕްރިމިއާ ލީގުގައިވެސް އެ ޓީމް އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. އެ މުބާރާތުގައި ޗެލްސީ މިހާތަނަށް މި ސީސަންގައި 15 މެޗު ކުޅެފައިވާ އިރު، އެ ޓީމް ބަލިވެފައި ވަނީ އެ މުބާރާތުގެ އެންމެ މެޗަކުންނެވެ.

ރޭގެ މެޗުގެ ނަތީޖާއާ އެކު ސްޕޯޓިންގް ވަނީ އެ މުބާރަތުން ކަޓާފަ އެވެ. ސްޕޯޓިންގް މުބާރާތުން ކަޓާފައި ވަނީ ރޭ ކުޅުނު ގްރޫޕް 'ޖީ' ގެ ދެވަނަ މެޗުގައި ޝޯކް އާއި މަރިބޯރ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ޝޯކް ކާމިޔާބު ކުރުމުންނެވެ. އެ މެޗުގެ ނަތީޖާއާ އެކު ޝޯކް މުޅިއަކު އަށް ޕޮއިންޓާ އެކު ތާވަލްގެ ދެވަނައަށް ޖެހިލާފައިވާ އިރު، އޭގެ ކުރިން ހަތް ޕޮއިންޓާ އެކު ތާވަލްގެ ދެވަނައިގަ އޮތް ސްޕޯޓިންގް ވަނީ މިހާރު ތާވަލްގެ ތިން ވަނައަށް ވެއްޓިފަ އެވެ.