11 Dec 2014, 14:46
އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖެ އަށް އޮޓޮމެޓިކް ޖާގައެއް ގެއްލިފައި ވުމުން ކުޅެން ޖެހުނު ޕްލޭއޮފްގައި، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކްލަބް ފިލިޕީންސްގެ ޓީމެއް ކަމަށްވާ ސެރީޒް އެފްސީ އާ ބައްދަލުކުރަން ހަމަޖެހިއްޖެ އެވެ.
އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މާޒިޔާދެކޮޅަށް ކުޅޭ ޓީމް ހަމަޖައްސާފައި ވަނީ މިއަދު މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބޭއްވި އެ މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގަ އެވެ. ސެރީޒް އަކީ މި އަހަރުގެ ތެރޭގައި ފިލިޕީންސްގައި ބޭއްވި ޔޫއެފްއެލް އެފްއޭ ލީގް ކަޕާއި ޔޫއެފްއެލް ޑިވިޝަން ދެއެއްގެ މުބާރާތް ކާމިޔާބުކުރި ޓީމެވެ.
މާޒިޔާ ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ޖާގަ ހޯދާފައި ވަނީ ރާއްޖޭގެ އެފްއޭ ކަޕް ކާމިޔާބު ކޮށްގެނެވެ. ރާއްޖޭގެ އެފްއޭ ކަޕް ކާމިޔާބު ކުރާ ޓީމާއި ދިވެހި ލީގު ކާމިޔާބުކުރާ ޓީމަށް އެ މުބާރާތުން ޖާގަ ލިބިގެންދާ އިރު، އެ ދެ ޓީމްގެ ތެރެއިން އެއްވަނަ ޓީމެއްގެ ގޮތުގައި އަބަދުވެސް ބެލެވެނީ ލީގު ކާމިޔާބު ކުރާ ޓީމެވެ. އެގޮތުން މާޒިޔާ އެ މުބާރާތަށް ކޮލިފައިވެފައި ވަނީ ރާއްޖޭގެ ދެވަނަ ޓީމެއްގެ ގޮތުގަ އެވެ.
މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައި ވުމަށް މާޒިޔާއަށް ޕްލޭއޮފް ކުޅެން ޖެހިފައި މިވަނީ، ރާއްޖޭގެ ފީފާ ރޭންކިންގް އާއި މިދިޔަ އަހަރާއި މިއަހަރު ރާއްޖެގެ ޓީމްތައް އޭއެފްސީ ކަޕްގައި ހޯދި ނަތީޖާތަކަށް ބެލުމަށް ފަހު އެވެ. ދެހާސް ހަތަރު ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެ މުބާރާތުގެ އޮޓޮމެޓިކް ދެ ޖާގަ ލިބެމުން އައިސްފާވާ އިރު، މިއީ އެ މުބާރާތުގެ ޕްލޭއޮފްގައި ރާއްޖޭގެ ޓީމެއް ކުޅެން ޖެހުނު ދެވަނަ ފަހަރެވެ.
މާޒިޔާއިން މީގެ ކުރިން ދެފަހަރު އެ މުބާރާތުގައި ވާދަކޮށްފައިވާ އިރު، އެ ޓީމް ވަނީ އެ ދެފަހަރު ވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުން ވަކިވާން ޖެހިފަ އެވެ. މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވޭ ޓީމްތަކަށް އޮޓޮމެޓިކް ޖާގަ ދިނުމާ ބެހޭ ގޮތުން ވިސްނަމުން އަންނަ ކަމަށް އޭއެފްސީން ބުނެފައިވާ އިރު، މުބާރާތުގައި ޖާގައަކަށް ވާދަކުރާ ގައުމުތައް ގިނަވުމުގެ ސަބަބުން އެ ފެޑަރޭޝަނަށް ވަނީ ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެ މުބާރާތުގައި އަދި މިހާތަނަށް ރާއްޖޭގެ ޓީމެއް އެންމެ ދުރަށް ދަތުރުކޮށްފައި ވަނީ 2005 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖޭގެ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް ވަނީ މުބާރާތުގެ ސެމީފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ.