11 Dec 2014, 14:26
މާލެ އަށް ކުރިމަތިވެފައިވާ ފެނުގެ މައްސަލައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ ސަރުކާރުން ފެނާ އެކު ފޮނުވި ބަންގްލަދޭޝްގެ މަނަވަރު ރާއްޖެ އަތުވެއްޖެ އެވެ.
އެމްއެންޑީއެފުގެ އޮފިސަރު މިއަދު "ސަން" އަށް ވިދާޅުވީ "ބީއެންއެސް ސުމުންދުރާ" ނަމަކަށް ކިޔާ އެ މަނަވަރަކީ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ މަނަވަރެއް ކަމަށެވެ. އަދި އެ މަނަވަރު ރާއްޖެ އައިސްފައިވަނީ 100 ޓަނުގެ ފެން (ބޮޓްލްޑް ވޯޓާ) ހިފައިގެން ކަމަށާއި އެ މަނަވަރުގައި ފެން އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ މޯބައިލް އާރުއޯ ފަސް މެޝިން ބެހެއްޓިފައިވާ ކަމަށް ވެސް އޮފިސަރު ވިދާޅުވި އެވެ.
އެ މަނަވަރަކީ މާލެ އަށް ދިމާވި ފެނުގެ މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝައިހު ހަސީނާ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ފޯނުން ގުޅުވައި، ރާއްޖެ އަށް ފެން ފޮނުއްވައި ދެއްވާނެ ކަމަށް ވިދާޅުވެ، އެ ގައުމުގެ ސަރުކާރުން ފެނާ އެކު ފޮނުވި މަނަވަރެކެވެ.
އޭގެ އިތުރުން ފެނުގެ މައްސަލާގައި ބަންގްލަދޭޝްގެ ސަރުކާރަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވަމުން ގެންދަވާނެ ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ.
އެމްޑަބްލިއު އެސްސީގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި މާލެ އިން ފެނުގެ ހިދުމަތް މެދުކަނޑާލުމާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ބަންގްލަދޭޝްގެ އިތުރުން އިންޑިއާ އާއި ޗައިނާ އަދި ސްރީލަންކާގެ ސަރުކާރުން ވެސް ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ބަންގްލަދޭޝްގެ އިތުރުން ފެން އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ޗައިނާގެ މަނަވަރަކާއި އިންޑިއާގެ މަނަވަރެއް ރާއްޖެގެ މާލޭގެ ފަޅުގެ ސަރަހައްދުގައި ގެންދަނީ ހަރަކާތްތެރިވަމުންނެވެ.