ތެހެރާން: އީރާނުގެ ރައީސް އަޙްމަދީ ނެޖާދްގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މުވާސަލާތާބެހޭ ވަޒީރު ޙަމީދު ބަހްބަހާނީގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް، އީރާނުގެ ރައްޔިތުންގެ މަޖިލީހުން ނަގައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޑޮކްޓަރ ޢަލީ ލާރިޖާނީ އާ ޙަވާލާދީ އީރާނުގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނިގޮތުގައި ބަހްބަހާނީގެ މައްޗަށް އިތުބާރުގެވޯޓެއް ނަގަންޖެހުނީ އީރާނުގެ އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ދެމެހެއްޓުމުގައި އޭނާ ނާކާމިޔާބުވެ ވަޑައިގަތުމުންނެވެ.

ބަހްބަހާނީއަކީ ރައީސް ނެޖާދްގެ ވަރަށް އަރިސް އަދި އޭނާ ވަރަށް އިތުބާރުކުރައްވާ ބޭފުޅެކެވެ. ބަހްބަހާނީގެ މައްޗަށްނެގި މިވޯޓުގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޙާޒިރުވެ ވަޑައިގެން ތިއްބެވި 234 މެންބަރުންގެ ތެރެއިން 147 މެންބަރަކު އޭނާގެ މައްޗަށް އިތުބާރުނެތްކަމަށް ވޯޓުދެއްވާފައިވެއެވެ.

އިތުބާރުގެ ވޯޓުނެގުމުގެކުރިން މެންބަރުން ދެއްކެވި ވާހަކަތަކުގައި ބަހްބަހާނީއަށް އޭނާގެ މަޤާމް ފުރިހަމައަށް އަދާނުކުރެއްވޭކަން ފާހަގަ ކުރައްވިއެވެ. އަދި ޚާއްސަކޮށް އީރާނުގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައާއި ކުރަންޖެހޭ ކަންކަން ކުރުމުގައި ބަހްބަހާނީ އިހްމާލުވެ ވަޑައިގެންފައިވާކަމަށް ވިދާޅުވެ މެންބަރުން އޭނާއަށް ފާޑުވިދާޅުވެފައިވެއެވެ. މިވޯޓުގައި ރައީސް އަޙްމަދީ ނެޖާދްގެ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ ތެރެއިންވެސް ބައެއް މެންބަރުން ބައިވެރިވެވަޑައިގެން ބަހްބަހާނީގެ މައްޗަށް އިތުބާރުނެތްކަމަށް ވޯޓު ދެއްވާފައިވެއެވެ. މިކަމުގައި އިސްކޮށް ޙަރަކާތްތެރިވެފައިވަނީ ނެޖާދްގެ ސަރުކާރާ އިދިކޮޅު މެންބަރުންނެވެ.

މިއީ ނެޖާދްގެ ރިޔާސީ ދެވަނަ ދައުރުގައި އޭނާގެ ކެބިނެޓް މެންބަރެއްގެ މައްޗަށް ބަރުލާނުން އިތުބާރުނެތްކަމުގެ ވޯޓެއްނެގި ފުރަތަމަ ފަހަރެވެ. ނަމަވެސް ރިޔާސީ ދައުރުގެ ކުރީކޮޅު، ނެޖާދް ޢައްޔަންކުރެއްވި ބައެއް ވަޒީރުންނަށް ރުހުން ދިނުމަށް ބަރުލަމާނުން ދެކޮޅުހަދާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ބަދަލުގައި އެހެން ބޭފުޅުން ޢައްޔަން ކުރުމަށް ނެޖާދަށް ޖެހިވަޑައިގަތެވެ.