11 Dec 2014, 13:44
މުޒާހަރާ ތެރެއަށް މީހުން ވައްދައި ހަމަނުޖެހުން ހިންގަނީ އެމްޑީޕީން އަމިއްލައަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ސަން އަށް ދެއްވި އިންޓަވިއުއެއްގައި މުހައްމަދު އިސްމާއީލް ވިދާޅުވީ "މަގުތަކުގައި ހަމަނުޖެހުން ހިންގަން މުޒަހާރާތެރެއަށް ބަޔަކު ވައްދައިގެން އެމްޑީޕީން ކުރާ ކަންތައްތައް" ރައްޔިތުންނަށް އޮޅުވައި ނުލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ މުޒާހަރާގެ ބައި ގިނަ ކުރަން އެމްޑީޕީން ރާވައިގެންކުރާ ކަމެއް ކަމަށެވެ.
"މަގުތަކުގެ އަމާންކަން ގެއްލުވާލަން ކުދިބަޔަކު މުޒާހަރާތެރެއަށް ވައްދައި އިތުރު މީހުން ގެންނަން ޖަހާ މަޅިތަކަށް މިހާރު ރައްޔިތުންނެއް ނުހެއްލޭނެ،" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާތަކެއް ނޫން ކަމަށް އެ ޕާޓީގެ ލީޑާޝިޕުން ބުނާއިރު، އެ މުޒާހަރާތަކުން ފެނިގެން ދަނީ އެ ޕާޓީގެ އެކްޓިވިސްޓުން ކަމަށެވެ.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަކީ ފުލުހުންނާ ކުރިމަތިލާން މީހުން ނެރުމަށް އަބަދުވެސް ގޮވާލަމުންދާ މީހެއް ކަމަށާއި މިހާރު އެ ހިނގަމުންދާ ކަންތައްތަކުގެ އަޑީގައި ވެސް ހުންނަވަނީ އެމަނިކުފާނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގައި ހަމަޖެހުމާއި އަމަން އަމާންކަން އޮވެއްޖެނަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލޮލުފިޔައެއް ނުޖެހޭނެ،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މުޒާހަރާގެ ތެރޭގައި ހަމަނުޖެހުން ހިންގައި މާލެތެރެ ހަލަބޮލިކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުން އެކަންކަން ހުއްޓާލުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި ރައްޔިތުން ފެނަށް ޖެހިފައިވާ ކަމަށް ބުނެ މުޒާހަރާ ކުރާއިރު ފެންކުންފުންޏަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކެނޑިނޭޅި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބަޔަކު އެކަން ގަބޫލު ނުކުރިއަސް ސަރުކާރުން ކުރާ މަސައްކަތް މާލޭގައި ދިރިއުޅޭ ރައްޔިތުން ބަލައިގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގައި ހިނގި ހިތާމަވެރި ހާދިސާއަށްފަހު ވެސް ރައްޔިތުންނަށް ގެއްލުމެއް ލިބުމުގެ ކުރިން އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާފައިވާ ކަމަށާއި އެކަމުގެ ނަތީޖާ ވެސް ވަރަށް ކާމިޔާބު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަންކަން ބޭރު ގައުމުތަކުން ވެސް ބަލައިގެންފައިވާ ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
މުހައްމަދު އިސްމާއީލް އެހެން ވިދާޅުވެފައިވާއިރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ މުޒާހަރާތެރެއަށް ބަޔަކު ވައްދައި ހަމަނުޖެހުން ހިންގަނީ ސަރުކާރުން ކަމަށާއި ރާއްޖޭގައި ސުލްހަވެރިއެއްވުންތަކަށް މިހާރު ޖާގަނެތް ކަމަށެވެ.