11 Dec 2014, 13:50
ރާއްޖޭގެ މަސްވެރިންގެ ފުރަތަމަ މެރީނާ ޅ. ފެލިވަރުގައި މިއަދު ހުޅުވައިފި އެވެ.
މި މެރީނާ ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ.
މެރީނާ ހުޅުވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި މެރީނާގެ ސަބަބުން މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި ހަމައެއާ އެކު ޒުވާނުންނަށް ވެސް ގިނަ ގުނަ ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މެރީނާ ހުޅުވައި ދެއްވަނީ-- ސަން ފޮޓޯ/ އާދަމް ނަޒީރު
"މިއަދު ހުޅުވިގެން މިދިޔަ މަސްވެރިންގެ މެރީނާގެ ސަބަބުން ފެލިވަރަށް އަންނަ މަސްވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ. މިކަމުގެ ބޭނުމަކީ ދާއިމީ ގޮތެއްގައި މީހުން މިސިނާއަތުގައި ދެމެހެއްޓުން. ޒުވާނުން މި ސިނާއަތަށް ނެރުން. މި މެރީނާގެ ސަބަބުން ޒުވާނުންނަށް ގިނަގުނަ ކަންކަން ހަމަޖެހިފައި ހުންނާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަމަކީ ދިވެހިން އެންމެ މުރާލިކަމާ އެކީ ކުރާ އެއް މަސައްކަތް ކަމަށެވެ. ވާރެއާއި އަވީގައި އަދި ފިންޏާއި ހޫނުގައި މަސްވެރީން ކުރާ މަސައްކަތަކީ މަސްވެރިކަމުގެ މި ސިނާއަތް ދެމެހެއްޓުމަށް ކުރާ މަސައްކަތް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"މި މަސައްކަތަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެ ގާތް މަސައްކަތް. އުތުރާއި ދެކުނަށް އަދި މުޅި ރާއްޖެ އަށް ފެތުރިފައިވާ މިސިނާއަތަކީ ދިވެހިިންނަށް އާމްދަނީ ލިބިގެންދާ އެންމެ ބޮޑު އެއް ސިނާއަތް." ރައީސް ޔާމީން ވިދާޅުވި އެވެ.
މަސްވެރިކަމުގެ ދާއިރާ އަށް ތަރައްގީ ގެނައުމަށް ޓަކައި ރައީސް މައުމޫންގެ ވެރިކަމުގައި ޚާއްސަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ މަސްވެރިކަން ތަރައްގީ ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން މި ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ޒާތުގައި މަސްވެރިކަމުގައި ވާދަވެރިކަން އުފެދުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މެރީނާ ހުޅުވައި ދެއްވުގެ ރަސްމިއްޔާތުގައި-- ސަން ފޮޓޯ/ އާދަމް ނަޒީރު
"އެހެންނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހެން އުފެދިފައި ހުރި ބޮޑެތި ކުންފުނިތަކުން އަމިއްލަ ފަރުދުން ވިޔަފާރީގައި އުޅޭއިރު ކޮށްނުދެވޭ ކަންކަން ނުވަތަ ހިދުމަތެއް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭކަން. އޭގެ ތެރޭގައި މަހުގެ އަގު ވަކި އަގެއްގައި ހިފެހެއްޓުމާއި އަދި ކުންފުންޏަށް ފައިދާ ވިއަސް ނުވިއަސް މަސްވެރިންގެ ހައްގުގައި ކުރަން ޖެހޭ ކަންކަން އެބަކުރޭ." ރައީސް ޔާމީން ވިދާޅުވި އެވެ.