ހއ. ފިއްލަދޫ ކޯޕަރޭޓިވް ސޮސައިޓީގެ (އެފްސީއެސް) ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ "އެފްސީއެސް ހޮލިޑޭ ކަޕް 2014"ގެ ޗެމްޕިއަންކަން އެފްސީ ރިޓާން ހޯދައިފި އެވެ.

އެސްޓީއޯ ނޫފަހި އިން ސްޕޮންސާ ކޮންގެން ކުރިއަށް ދިޔަ އެ މުބާރާތް ފެށީ މިދިޔަ މަހުގެ 29 ގަ އެވެ. މުބާރާތުގެ ފައިނަލް މެޗު އިއްޔެ ކުޅެފައިވާ އިރު އެ މުބާރާތުގައި ޖުމްލަ ހަ ޓީމެއް ބައިވެރިވެފައިވެ އެވެ. އެއީ އެފްސީ ޑީޖޭ އާއި އެފްސީ ރިޓާން އާއި ޔަންގް ބޯއިޒް އާއި އެފްސީ ގްރޫޕާއި އެއިޓް ސްޓާ އަދި ޑެޒްލިން ރޯވާސް އެވެ.

ފިއްލަދޫ ދަނޑުގައި އިއްޔެ ކުޅުނު ފައިނަލް މެޗުން އެފްސީ ރިޓާން މޮޅުވީ އެފްސީ ޑީޖޭ އާ ބައްދަލު ކޮށްގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވީ ރިޓާންގެ އަބްދުﷲ ޝާފިއު އެވެ. މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހީ ޑީޖޭގެ އަބްދުﷲ އިހުވާން އެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވީ އެއިޓް ސްޓާއެވެ.

ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު އެއީ މިހާތަނަށް އެ ރަށުގައި ކުޅުން މުބާރާތަކަށް ހުށަހަޅާފައިވާ އެންމެ މަތީ އަދަދު ކަމަށް އެފްސީއެސްގެ ވައިސް ޗެއާމަން މުހައްމަދު ހާމިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މުބާރާތަކީ މިހާތަނަށް ފިއްލަދޫގައި ބޭއްވި އެންމެ އިންތިޒާމް ރަނގަޅު މުބާރަތް ކަމަށާއި މުބާރާތަށް ވަރަށް ބޮޑެތި އެހީތަކެއް ކެލާ ދާއިރާ މެމްބަރު އަލީ އާރިފްގެ ވެދެއްވި ކަމަށެވެ.