ޔޫއެފާ ޗެންޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ރޯމާ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ސިޓީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

ރޭގެ މެޗު ރަނގަޅު ފޯމެއްގައި ފަށާފައި ވަނީ ރޯމާ އެވެ. މެޗުގެ ފުރަތަމަ ވަގުތުކޮޅުތެރޭ އެ ޓީމް ސިޓީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައިވާ އިރު، ސިޓީ ހަމައަކަށް އެޅި، މެޗުގައި ކުރިއަށް ޖެހިލައިން ކުޅެން ފަށާފައި ވަނީ ފުރަތަމަ ހާފްގެ މެދުތެރެއިންނެވެ. ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު ދެ ޓީމުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު، ދެ ޓީމުންކުރެ އެއް ޓީމަށް ވެސް އެ ހާފްގައި ލަނޑެއް ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފަ އެވެ.

މެޗުގައި ސިޓީ އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފްގަ އެވެ. ރޯމާގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ޝޮޓަކުން ރޯމާގެ ގޯލް ސިޓީއަށް ހުޅުވަދިނީ މެޗުގެ 60 ވަނަ މިނެޓުގައި އެ ޓީމްގެ ސާމިރް ނަސްރީ އެވެ. އެ ލަނޑާ އެކު ނަތީޖާ ހަމަހަމަކުރަން ރޯމަ މަސައްކަތް ކޮށްފައިވާ އިރު، އެ ޓީމަށް ވަނީ ސިޓީގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ނުވެފަ އެވެ.

ސިޓީގެ ދެވަނަ ލަނޑު އެ ޓީމުން ކާމިޔާބު ކުރީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރި ނަސްރީ ދިން ރީރި ޕާހަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ 84 ވަނަ މިނެޓުގައި އެ ޓީމްގެ ޕަބްލޯ ޒަބަލެޓާ އެވެ.

ސިޓީގެ އެ ލަނޑާއެކު މެޗު ނިމިގެން ގޮސްފައިވާ އިރު، ޕޮއިންޓުގެ ގޮތުން ރޯމާއާ ހަމަހަމަކޮށް އޮތް ސިޓީ ވަނީ އެ މެޗުގެ ތިން ޕޮއިންޓާ އެކު މުޅިއަކު އަށް ޕޮއިންޓު ހޯދާ ތާވަލްގެ ދެވަނައަށް ޖެހިލާފަ އެވެ. އަދި އެ ނަތީޖައާ އެކު ރޯމާ އެ މުބާރާތުން ކަޓާފައިވާ އިރު، އެއީ ސިޓީ އެ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި ދެވަނަ ފަހަރެވެ. އަދި މިހާތަނަށް ސިޓީ އެ މުބާރާތުގެ ދެވަނަ ބުރަށްވުރެ ކުރިއަށް ދަތުރުކޮށްފައެއް ނުވެ އެވެ.

މިފަހަރުގެ މުބާރާތުގައި ފެށުން ރަނގަޅު ނުކުރެވުމުގެ ސަބަބުން ސިޓީއަށް ވަނީ ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ނަމަވެސް ރޭގެ މެޗު ސިޓީ ކާމިޔާބުކުރީ އެ ޓީމްގެ އެންމެ މުހިންމު ތިން ކުޅުންތެރިން ނުލާ އެވެ. އޭގެ ތެރޭގައި އެ ޓީމްގެ ކެޕްޓަން ވިންސެންޓް ކޮންޕަނީ އާއި ސާޖިއޯ އަގުއޭރޯގެ އިތުރުން ޔާޔާ ޓޯރޭ ވެސް ހިމެނެ އެވެ.