ރޭ ދަންވަރު އިންޑިއާގެ ޓްރިވެންޑްރަމް އިން ފުރައިގެން ހަނިމާދޫ އަށް ދަތުރުކުރަން އޮތް މޯލްޑިވިއަންގެ ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފަސިންޖަރުންނާ އެކު ޓްރިވެންޑްރަމްގައި މަޑުކޮށްފި އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު 'ސަން" އަށް ވިދާޅުވީ މޯލްޑިވިއަންގެ Q300 މަރުކާގެ ބޯޓު ރޭ ދަންވަރު ރާއްޖެއަށް ފުރަން ހަމަޖެހިފައިވީ ނަމަވެސް އެ ބޯޓުން "ހައިޑްރޯލިކް ލީކެއް" ވުމާ ގުޅިގެން ރާއްޖެއަށް ނުފުރައި މަޑުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއްވެސް ގޮތަކަށް ފުރޭވަރުގެ ހާލަތެއްގައި ބޯޓު އޮތްނަމަ ފުރާނެ ކަމަށާއި ނަމަވެސް ސަލާމަތާ ރައްކާތެރިކަމަށް އޮތް ރަނގަޅު ގޮތަކީ މަޑުކުރުން ކަމަށް ވުމުން ނުފުރައި މަޑުކުރީ ކަމަށެވެ. އަދި ފްލައިޓް މަޑުކުރި ނަމަވެސް، ހަމަޖެހިފައިވާ އުސޫލުގެ މަތިން ފަސިންޖަރުން ތިބޭގެ ތަނަކާއި ފައިސާގެ ކަންކަން އެ ކުންފުނިން ހަމަޖައްސައިދީފައިވާ ކަމަށް ނަޝާތު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލިން އެހެން ފްލައިޓެއް ފޮނުވަން ވެސް. ނަމަވެސް މިއީ ބަންދު ދުވަސްވަރެއް ވެފައި ޑޮމެސްޓިކް އެއާލައިންތައް ވެސް ބާރުބޮޑުވުމުން އެހެން ފްލައިޓެއް ފޮނުވޭކަށް ނެތް. މިރޭގެ ވަގުތެއްގައި ބޯޓަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް އެ ފަސިންޖަރުން ރާއްޖެއަށް ގެންނާނަން،" ނަޝާތު ވިދާޅުވި އެވެ.

އެ ފްލައިޓުން ރާއްޖެއަށް އަންނަން ނިންމާފައިވާ ފަސިންޖަރެއް "ސަން" އަށް ބުނީ ހުންނާނެ ތަނެއް ހަމަޖައްސާދީފައިވީ ނަމަވެސް ރާއްޖެއަށް ނުފުރި، ރޭ ދަންވަރުއްސުރެ ޓްރިވެންޑްރަމްގައި މަޑުކުރަން ޖެހިފައިވާ ކަމަށެވެ.