11 Dec 2014, 12:59
ރައްޔިތުންގެ މަޖިލީހުގައި ބިލްތަށް ފާސްކުރާއިރު އެމްޑީޕީގެ ފިކުރާ ދެކޮޅަށް ވޯޓު ދޭ މެންބަރުންނާ މެދު ކުރިއަށް އޮތްތަނުގައި ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދަޅުވެއްޖެ އެވެ.
އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވަނީ 2015 ވަނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓް ފާސްކުރުމަށް ސަރުކާރާ އެއް ކޮޅަށް ވޯޓު ދެއްވައިފަ އެވެ. އަދި ސުޕުރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ތިނަކަށް ބަދަލުކުރުމަށް ގާނޫނަށް އިސްލާހު ގެނައި ބިލް ފާސްކުރުމަށް އެމްޑީޕީގެ މެންބަރުންގެ ތެރެއިން ވޯޓު ދެއްވީ ހަމަ އެކަނި މޫސާ މަނިކެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ ލައިން ހިފަހައްޓަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ޕާޓީގެ ވިޕްލައިނާ ދެކޮޅަށް ޕާލިމެންޓްރީ ގްރޫމުގެ އެއްވެސް މެންބަރަކު ވޯޓު ދީގެން ނުވާނެކަން މެންބަރުންނަށް އަންގާފައި ވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ޕާޓީގެ "ލައިން ކްރޮސް" ކޮށް އެގޮތަށް ވޯޓު ދެއްވާނަމަ އަޅަން ޖެހޭ ފިޔަވަޅުތަށް އަޅާނެކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އެކި ފަހަރު އެބަހުރި އެކި މެންބަރުން އަތުން ވޯޓުތަށް ކަސިޔާރުވެފަ، މިކަމަށް ޖުމްލަ ހައްލެއް ހޯދުމަށްޓަކާ ޕާޓީގެ ލީޑަރޝިޕުން މިދަނީ މަސައްކަތްތަކެއް ކުރަމުން" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އިއްޔެގެ ވޯޓާ ބެހޭ ގޮތުން މޫސާއާ ވާހަކަދައްކަމުން ދާކަމަށެވެ. އަދި މިވަގުތު މޫސަ ހުންނެވީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަން އިއުލާން ކުރައްވައިގެން ކަމަށާއި އެހެންކަމުން މޫސައަށް ފެނިވަޑައިގަންނަވާ ގޮތަށް ކަންތަށް ކުރައްވަމުން ގެންދެވުމަކީ އެބޭފުޅާގެ އަމިއްލަ ކަމެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެހެންމަވެސް ޕާޓީގެ ލައިން ކްރޮސްކޮށްފައި އެއްވެސް ބޭފުޅަކަށް މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ދެން ފެށޭ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕު އިތުރަށް ވަރުގަދަވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.