ޗައިނާގެ ކުންފުންޏަކުން ކަރަންޓް އުފެއްދުމަށް ޓަކައި ބޯޓުދެލީގެ ބަދަލުގައި ފައިސާގެ ބާ ނޫޓްތައް ބޭނުންކުރަން ފަށައިފި އެވެ.

ޗައިނާގެ ހެނާން ޕްރޮވިންސްގެ ލުޔާންގައި ގާއިމުކޮށްފައި ހުރި ޕަވާ ޕްލާންޓަކުން ކަރަންޓް އުފެއްދުމަށް ބޯޓުދެލީގެ ބަދަލުގައި އަންދަނީ ކުރީގައި ހަލާކުވެފައި ހުރި ފައިސާގެ ނޫޓްތައް ކަމަށް ޒިންހުއާގެ ނިއުސް އޭޖެންސީގައި އިއްޔެ ރިޕޯޓްކޮށްފައިވެ އެވެ. އަދި އެ ފައިސާގެ ނޫޓްތައް ބޭނުންކޮށްގެން އެއް ގަޑިއިރުގެ ތެރޭގައި 600 ކިލޯވޯޓްގެ ކަރަންޓު އުފައްދާދޭ ކަމަށް ވެސް އެމީހުން ބުނެފައިވެ އެވެ. މިއީ ބޯޓުދެއްޔާއި އަޅާބަލާ އިރު ތިމާވެއްޓާއި ރައްޓެހި ގޮތެކެވެ. މި ކުންފުނިން މިގޮތަށް ފައިސާ އަންދަމުން މިގެންދަނީ ޗައިނާގެ ބޭންކުގެ ހުއްދައާ އެކުގަ އެވެ.

ހަލާކުވުމުގެ ސަބަބުން ބޭނުންނުކޮށް ހުރި މިފަދަ ފައިސާގެ ނޫޓްތައް ބޭނުންކޮށްގެން އަހަރެއްގެ މައްޗަށް 1.32 މިލިއަން ކިލޯ ވޯޓްގެ، (އެއީ 4،00 ޓަނުގެ ބޯޓުދެއްޔާއި އެއްވަރުގެ) ކަރަންޓު އުފައްދޭނެ ކަމަށް ޗައިނާގެ ބެންކްއާއި ހަވާލާދީ ޚަބަރު ފަތުރާފައިވެ އެވެ.

ޗައިނާގެ ބޭންކުތަކުން ހަލާކުވެފައި ހުންނަ ނޫޓްތައް އާންމުގޮތެއްގައި ބޭނުންކުރަމުން ގެންދަނީ ކަރުދާހުގެ ބާވަތްތައް އުފެއްދުމަށެވެ. ވުމާ އެކު މިކަމަކީ ޗައިނާގައި އަލަށް ކުރެވިގެންދިޔަ ކަމެކެވެ. މި ޚަބަރާ އެކު ސޯޝަލް މީޑިޔާތަކުގައި މީހުން ތަފާތު އެކި ޝުޢޫރުތައް ފާޅުކުރަމުން އެބަދެ އެވެ.