01 Feb 2011, 18:59
އައްޑު އަތޮޅު ހިތަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޚަމްވެގެން މާލެ ގެނައި ދެ މީހުންގެ އިތުރުން އެ އެކްސިޑެންޓްގައި ޒަހަމްވި އަނެއް ދެ މީހުން ވެސް މިރޭ މާލެ ގެނެސްފި އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުން މާލެ އައީ ހިތަދޫ ހޮސްޕިޓަލުގައި އެމީހުންނަށް ފަރުވާ ދެވޭނެ އެއްވެސް ގޮތެއް ނެތިގެން އަމިއްލަ އަށެވެ. އެ ދެ މީހުން މާލޭ ގެންނަ ކަމަށް އައިޖީއެމްއެޗުން ވެސް ވަނީ މިއަދު އިރުއޮއްސުނު ވަގުތު ބުނެފަ އެވެ.
ރޭގެ އެކްސިޑެންޓަށް ފަހު ހިތަދޫން ފަރުވާ ނުދެވިގެން މިއަދު ހެނދުނު ގެނައި ދެމީހުން ވެސް މާލެ ގެނައީ އެމީހުންގެ އާއިލާއިންނެވެ.
ހިތަދޫ ލިންކް ރޯޑްގައި ރޭ 8:00 ޖަހާކަންހާއިރު ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް ސީރިއަސް އަނިޔާ ތަކެއް ލިބުނެވެ. އެއީ އަންހެނަކާއި ތިން ފިރިހެނުންނެވެ.
އައިޖީއެމްއެޗުން ބުނީ އައްޑޫން މިއަދު ހެނދުނު ގެންދިޔަ ދެ މީހުންނަށް ފަރުވާ ދިނުމަށް ފަހު އެކަކު ދޫކޮށްލާފައިވާ ކަމަށެވެ. ދޫކޮށްލީ ކާކު ކަމެއް ނުބުނެ އެވެ. ނަމަވެސް ހޮސްޕިޓަލުގައި އޮތް މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ބުންޏެވެ.
ނުރައްކާތެރި މި އެކްސިޑެންޓް ހިނގީ ހިތަދޫ ޕާކު ކައިރީ އޮތް ގޯޅިއަކުން ނުކުތް ސައިކަލަކާ ލިންކްރޯޑުން ދުއްވާފައި ދިޔަ ސައިކަލަކާ ޖެހިގެނެވެ. އެކްސިޑެންޓްގައި ފުރަތަމަ ސައިކަލުން އެކެއްގެ މޫނުގެ އެއްފަޅި ވަރަށް ބޮޑަށް ގޭނި ލޯ ކަފައިގެން ގޮސްފައިވާއިރު ކަނާތު ކޮނޑުކަށިގަނޑު ބިނދުނެވެ. ދެވަނަ މީހާގެ ކަނާތު ފައިގެ ކުޑަ ހުޅާ ހަމައިން ބިނދުނެވެ.
ދެވަނަ ސައިކަލް ދުއްވި އަންހެންމީހާގެ މޫނު މައްޗަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު އޭނާގެ ފަހަތު އިން މީހާއަށް އަށް ވެސް ވަނީ ޒަހަމްތައް ލިބިފަ އެވެ.
މި އެކްސިޑެންޓް ހިނގީ އައްޑޫ ލިންކް ރޯޑްގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓް ތަކުގެ އަދަދު ވަރަށް ބޮޑުތަން މަދުވެފައިވާ ކަމަށް ފުލުހުން ބުނިތާ 19 ވަނަ ދުވަހު އެވެ.