11 Dec 2014, 11:39
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޒޯން ހަތެއްގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ގައްދޫ ޔޫތު ސޮސައިޓީ ކާމިޔާބުކޮށްފި އެވެ.
އެ މުބާރާތުގެ އިއްޔެގެ މެޗުގައި ބައްދަލުކޮށްފައި ވަނީ ގައްދޫ ޔޫތު ސޮސައިޓީ އާއި ހޯނޑެއްދޫ އެފްސީއާ އެވެ. އެ މެޗު ގައްދޫ ޔޫތު ސޮސައިޓީ ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ގައްދޫ ޔޫތު ސޮސައިޓީ ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ އަހުމަދު ރިފްޝާން އާއި އިބްރާހިމް ނިޔާޒު އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ގައްދޫ ޔޫތު ސޮސައިޓީގެ އިބްރާހިމް ނިޔާޒު އެވެ.
އިއްޔެގެ މެޗަކީ އެ މުބާރާތުގައި އަދި މިހާތަނަށް ކުޅެވުނު ހަމައެކަނި މެޗެވެ. އިއްޔެ ފަށާފައިވާ އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގއ. ވިލިނގިލި ފުޓްބޯޅަ ދަނޑުގަ އެވެ.
އެފްއޭއެމުން އިންތިޒާމްކޮށްގެން ބާއްވާ ޒޯން ފުޓްބޯޅަ މުބާރަތަކީ އެ ޒޯނެއްގައި ހިމެނޭ އަތޮޅުތަކުގައި ބާއްވާ އަތޮޅު މުބާރާތުގެ ޗެންޕިއަން ޓީމާއި ރަނަރަޕް ޓީމް ވާދަކުރާ މުބާރާތެކެވެ. އެގޮތުން ގއ. އަތޮޅާއި ގދ. އަތޮޅު ހިމެނޭ ޒޯން ހަތެއްގެ ފުޓްބޯޅަ މުބާރާތުގައި ހަތަރު ޓީމް ވާދަކުރެ އެވެ.
އެ މުބާރާތުގައި ގއ. އަތޮޅުން ވާދަކުރާ ޓީމްތަކަކީ އެ އަތޮޅު ރަށްތަކުގެ މެދުގައި ބޭއްވި މުބާރާތުގެ ޗެންޕިއަން ޓީމާއި ރަނަރަޕް ޓީމް ކަމަށްވާ ނިލަންދޫ ނިޑިސް އާއި ވިލިނގިލި ވީއާރްއެސްސީ އެވެ. އަދި ގދ. އަތޮޅުން އެ މުބާރާތުގައި ވާދަކުރަނީ އެ އަތޮޅު ރަށްތަކުގެ މެދުގައި ބޭވި މުބާރާތުގެ ޗެންޕިއަން ހޯނޑެއްދޫ އެފްސީ އާއި ރަނަރަޕް ގައްދޫ ޔޫތު ސޮސައިޓީ އެވެ.
އެ މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގއ. އަތޮޅުގެ ދެ ޓީމް ކަމަށްވާ ނިލަންދޫ ނިޑިސް އާއި ވިލިނގިލި ވީއާރްއެސްސީ އެވެ.