ފުވައްމުލަކާއި އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ނެދަލޭންޑްސްގެ ސަރުކާރުން ހިލޭ ދޭ 19.5 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފުވައްމުލަކާއި އައްޑޫސިޓީގެ މަރަދުއާއި ފޭދުއާއި މަރަދޫފޭދުއާއި ފޭދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހިންގާ މަޝްރޫއުތަކަށް ހިލޭ އެހީގެ ގޮތުގައި އެ 19.5 މިލިޔަން ޔޫރޯ ދިނުމުގެ އެއްބަސްވުމުގައި ދެ ސަރުކާރުން ސޮއިކުރީ އެކަމަށް ޓަކައި ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދެވެ. އަދި ނެދަލޭންޑްސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލުއީ ޕިއޭ އެވެ.

އެމަޝްރޫއަށް ލިބޭ ބޭރުގެ ހިލޭ އެހީއަކީ މަޝްރޫއުގެ އަގުގެ ދެބައިކުޅަ އެއް ބައެވެ. އަނެއް ބައި ހަރަދުކުރާނީ ދިވެހި ސަރުކާރުންނެވެ.

އެރަށްތަކުގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރަން ހިންގާ މަޝްރޫއަށް ކޮންސަލްޓެންސީ ދިނުމުގެ އެއްބަސްވުމުގައި ވެސް މިއަދުގެ ރަސްމިއްޔާތުގައި ސޮއިކުރި އެވެ. މަޝްރޫއުގެ ކޮންސަލްޓެންސީދޭ ރޯޔަލް ހަސްކޮނިން ޑީއެޗްވީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ގްލޯބަލް ޖޯން ހެންރީ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެއެއްބައްވުމުގައި ސޮއިކުރެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާ އެކު އެމަޝްރޫއުގެ ތައްޔާރީ މަރުހަލާ ފެށޭނެ އެވެ. އެގޮތުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަކީ ދިރާސާ ކުރުމާއި ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެކަށީގެންވާ ޑިޒަން ތައްޔާރުކުރުމެވެ. އަދި އެމަސައްކަތްތައް ނިމި އެކަމުގެ އަމަލީ މަސައްކަތްތައް ފެށޭނީ 2016 ވަނަ އަހަރު އެވެ.