11 Dec 2014, 11:02
ވޮޝިންޓަން (ޑިސެމްބަރު11): ސެޕްޓެމްބަރު 11ގެ ޙަމަލާތަކާ ގުޅިގެން ގުއަންޓެނާމޯ ޖަލުގައި ހައްޔަރުކުރި އަސީރުންނާ ދެކޮޅަށް އެމެރިކާ ހިންގާފައިވާ ރަހުމެއްނެތް އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން އަޑުއުފުލައި އެމެރިކާ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ މައްސަލައަށް ފާޑުކިޔަމުން އެބަގެންދެ އެވެ.
އެމެރިކާގެ އިންސާނީ ހައްގުތަކުގެ ރެކޯޑަށް ފާޑުކިޔަމުން ގެންދާ ގައުމުތަކުގެ ތެރޭގައި އިންސާނީ ހައްގުތަކުގެ ނަމުގައި އެމެިރކާ އެންމެ ބޮޑަށް ފާޑުކިޔަމުން ގެންދާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އީރާން، އުތުރުކޮރެޔާގެ އިތުރުން އެމެރިކާގެ ބައިވެރިންގެ ގޮތުގައި ސިފަކުރެވޭ ޔޫރަޕްގެ ގައުމުތަކާއި ޔޫރަޕްގެ އިއްތިޙާދު ވެސް ހިމެނެ އެވެ. ނަމަވެސް ޔޫރަޕްގެ ގިނަ ގައުމުތަކަކީ ސެޕްޓެމްބަރު 11ގެ ޙަމަލާތަކާ ގުޅިގެން ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ދުނިޔޭގެ ގައުމުތަކުގައި ސިއްރު ޖަލުތައްހަދައިގެން އެމެރިކާއަށް ފެންނަ ބަޔަކު ވަގަށްނަގައިގެން އަސީރުންގެ ގޮތުގައި އެޖަލުތަކުގައި ހައްޔަރުކޮށް އެމީހުންނާ ދެކޮޅަށް އެމެިރކާ ސަރުކާރުން ކޮށްފައިވާ ލާއިންސާނީ އަނިޔާތަކާއި ޖަރީމާތަކަށް އެއްބާރުލުން ދީފައިވާ ގައުމުތަކެކެވެ.
އެމެރިކާގެ އިންސާނީ ހައްގުތަކުގެ ރެކޯޑަށް ފާޑުވިދާޅުވަމުން އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ވިދާޅުވީ އެމެރިކާއަކީ އިންސާނީ ހައްގުތަކުގެ ނަމުގައި އެހެން ގައުމުތަކާ ދެކޮޅަށް އަޑުއުފުލޭ ވަރުގެ ގައުމެއް ނޫންކަމަށާއި އެމެރިކާއަކީ އަނިޔާވެރިކަން ކުރިޔަށްނެރެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ގެންދާ ގައުމެއް ކަމުގަ އެވެ. އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާންވަނީ ގުއަންޓެނާމޯ ޖަލުގައި އެމެރިކާ ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ ފަހަތުގައިވާ އެމެރިކާގެ މަސްއޫލުވެރިންގެ މައްޗަށް ޝަރީއަތް ހިންގައި އެބޭފުޅުން އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރުމަށް އެމެރިކާގެ މިހާރުގެ ސަރުކާރަށް ގޮވާލައްވާފަ އެވެ.
ޗައިނާ ސަރުކާރުންބުނީ އެމެރިކާއަކީ އަބަދުވެސް އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ގައުމެއް ކަމުގަ އެވެ. އަދި އެމެރިކާ އިން އެގައުމުގެ ރައްޔިތުން ވެސް ތަފާތުކޮށް އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ނަސްލީ އިމްތިިޔާޒުގެ އަމަލުތައް ވެސް ހިންގާ މައްސަލަވެސް ޗައިިނާގެ ޚާރިޖިއްޔާ އިން ވަނީ ކުށްވެރިކޮށްފަ އެވެ. ޗައިނާގެ ޚާރިޖިއްޔާއިން ވަނީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މިންގަޑުތަކަށް ތަބާވުމަށާއި ބައިނަލްއަގްވާމ ގާނޫނުތަކާއި މުޢާހަދާތަކަށް ބޯލެނބުމަށް ވެސް ޗައިނާގެ ޚާރިޖިއްޔާ އިން އެމެރިކާ ވަނީ ގޮވާލައްވާފަ އެވެ.
އުތުރު ކޮރެޔާ އިން ވަނީ އެމެރިކާއަކީ ދުނިޔޭގައި އެންމެ ބޮޑަށް އިންސާނީ ހައްގުތަކަށް އަރައިގަނެ ކުށެއްނެތް މީހުން މަރަމުން ގެންދާ ގައުމުކަމަށް ސިފަކޮށްފަ އެވެ. އެހެންކަމުން އެމެރިކާ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އުތުރުކޮރެޔާ ސަރުކާރުންވަނީ އދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލާފަ އެެވެ.
އެމެރިކާގެ ބައިވެރިއެއް ކަމަށްވާ ޔޫރަޕްގެ އިއްތިޙާދުން ވެސް ވަނީ އެމެރިކާ ހިންގާފައިވާ ލާއިންސާނީ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ޔުރަޕްގެ އިއްތިޙާދުން ބުނީ އިންސާނީ ހައްގުތަކަށް އަރައިގަތުމަށް އެމެރިކާ ދައްކާ އެއްވެސް ބަހަނާއެއް ގަބޫލުނުކުރެވޭނެ ކަމަށާ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ އަގުތަކަށް އެމެރިކާ އަރައިގަތުމަކީ ދެރަކަމެއް ކަމުގަ އެވެ.
ޔޫރަޕްގެ އިއްތިޙާދުން މިހެން ބުނި ނަމަވެސް ނަމަވެސް ޔޫރަޕްގެ ގިނަ ގައުމުތަކަކީ ސެޕްޓެމްބަރު 11ގެ ޙަމަލާތަކަށް ފަހު ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ސިއްރު ޖަލުތައްހަދައިގެން އެމެރިކާއަށް ފެންނަ ބަޔަކު ވަގަށްނަގައިގެން އެޖަލުތަކުގައި ހައްޔަރުކޮށް އެމީހުންނާ ދެކޮޅަށް އެމެިރކާ ސަރުކާރުން ކޮށްފައިވާ ލާއިންސާނީ އަނިޔާތަކާއި ޖަރީމާ ތަކަށް އެއްބާރުލުން ދީ އެޖަރީމާތަކުގައި ބައިވެރިވެފައިވާ ގައުމުތަކެކެވެ. މީގެތެރެ އިން ގިނަ ސިއްރުޖަލުތައް އެމެރިކާ ގާއިމްކޮށްފައި ވަނީ ޔޫރަޕްގެ ގައުމުތަކުގަ އެވެ. (ނޫސްއެޖެންސީތައް)