ރާމަﷲ (ޑިސެމްބަރު 11): އިސްރާއީލުން ފަލަސްތީނުގެ ވަޒީރެއް ކަމަށްވާ ޒިޔާދު އަބުލްޢައިން ޝަހީދުކޮށްލި ޖަރީމާއާ ގުޅިގެން އިސްރާއީލުގެ ހަރުކަށި ވެރިންނަށް އަދަބު ދޭނެ ކަމުގެ އިންޒާރު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ފަތްޙު ޖަމާއަތުން ދީފި އެވެ.

ފަތްހުގެ އިސްވެރިއެއް ކަމަށްވާ ސުލްތާން އަބުލްއައިން ވިދާޅުވީ އަބުލްޢައިން ޝަހީދުކޮށްލީ އިސްރާއީލުގެ ސަރުކާރުން ރާވައިގެން ކަމަށާއި އޭނާގެ ލެއަށް ބަދަލުހިފާނެ ކަމުގަ އެވެ.

އިސްރާޢީލުން ޒިޔާދު އަބުލްޢައިން ޝަހީދުކޮށްލި ޖަރީމާއާ ގުޅިގެން ސަލާމަތީ ކަންކަމުގައި ފަލަސްތީނުގެ ސަރުކާރުން އިސްރާއީލަށް ދެމުންގެން ދިޔަ އެއްބާރުލުމާއި ކޯޑިނޭޝަން ހުއްޓާލުމަށް ރައީސް މަޙްމޫދު އައްބާސް ވެސް ވަނީ ނިންމަވާފަ އެވެ. މިކަން އިޢްލާން ކުރައްވަމުން އައްބާސް ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރިކަން ހައްދުފަހަނަޅައި ހިނގައްޖެ ކަމަށާ އިސްރާއީލަކީ ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދެވޭވަރަށް ވުރެ މާ ހަރުކަށި ގައުމެއް ކަމުގަ އެވެ. އަދި އިސްރާއީލުގެ މި ޖަރީމާއަށް ރައްދު ދިނުމުގެ ހުރިހާ އިޚްތިޔާރުތަކެއް ފަލަސްތީނަށް ލިބިގެންވާ ކަމަށާއި ރައްދު ދޭނީ ފަލަސްތީނުން ބޭނުންވާ ގޮތަކަށް ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

އިސްރާއީލުގެ ޙަމަލާތަކެއްގައި ޒިޔާދު އަބުލްޢައިން ޝަހީދުވި ޖަރީމާއާގުޅިގެން ރާމަﷲގައި ބޭއްވި ފަލަސްތީނުގެ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި ޢައްބާސް ވިދާޅުވީ އަބުލްޢައިން ޝަހީދުކޮށްލީ އިސްރާއީލުގެ ސިފައިން ކަމަށާއި އިސްރާއީލު ސިފައިން އޭނާގެ ހަށިގަނޑުގައި ތަޅައި އަނިޔާކުރި ކަމުގެ ހެކިލިބިފައިވާ ކަމުގަ އެވެ. އަބުލްއައިންގެ ހަށިކޮޅު މިހާރުވަނީ ފަލަސްތީނުގެ ސަރުކާރުގެ އިދާރީ އޮފީސްތައް ހުންނަ ރާމަﷲ އަށް ގެނަސްފަ އެވެ.

ފަލަސްތީނުގެ ކެބިނެޓްގައި ހިމެނޭ ވުޒަރާއެއްނެތް ވަޒީރެއް ކަމަށްވާ ޒިޔާދު އަބުލްޢައިން އިއްޔެ އަވަހާރަވެފައި ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރި އިޙްތިޖާޖްތަކެއް ރޫޅާލުމަށް އިސްރާއީލު ސިފައިން ބާރުގެ ބޭނުން ކުރުމުގެ ތެރޭގަ އެވެ. ހުޅަނގުއައްސޭރީގެ ބިމެއް ފަލަސްތީނުގެ އަތްދަށުން ފޭރިގަތުމަށް އިސްރާއީލުން ނިންމުމާގުޅިގެން ކުރި އިޙްތިޖާޖްތަކުގައި އަބުލްޢައިން ބައިވެރިވެވަޑައިގަތުމުން އިސްރާއީލު ސިފައިންވަނީ އޭނާ އަށް ކަރުނަގޭހުން ޙަމަލާދީ އަދި ހަށިކޮޅުގައި ވަރަށް ބޮޑަށް ތަޅައި އަނިޔާކޮށްފަ އެވެ.

އަބުލްޢައިން އަވަހާރަވީ އިސްރާއީލު ސިފައިން އޭނާގެ މޭމަތީގައި ވަރަށް ބާރަށް ތެޅުމުގެ ސަބަބުން ކަމަށް އޭނާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުން ވިދާޅުވެ އެވެ. ސަލާމަތީ ކަންކަމުގައި ފަލަސްތީނުގެ ސަރުކާރުން އިސްރާއީލަށް ދެމުންގެންދިޔަ އެއްބާރުލުމާއި ކޯޑިނޭޝަން ހުއްޓާލުމަށް ރައީސް މަޙްމޫދު އައްބާސް ނިންމެވުމުން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އެކަމަށް މަރްޙަބާ ކިޔާފަ އެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުންކުރާ ޖިހާދު ހުއްޓާލާނީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފާބައި އެބިންތަކުގައި މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރެވުމުން ކަމަށާ އަބުލްއައިން ޝަހީދުކޮށްލިނަމަވެސް ފަލަސްތީނުގެ ޖިހާދަށް ހުއްޓުމެއް ނާންނާނެ ކަމަށް އައްބާސް ވިދާޅުވި އެވެ. އިސްރާއީލުން އަބުލްއައިން ޝަހީދުކޮށްލުމާ ގުޅިގެން ރައީސް މަޙްމޫދު އައްބާސްވަނީ ފަލަސްތީނުގެ ދިދަ ބައިދަނޑިއަށް ތިރިކޮށް ތިން ދުވަހުގެ ގައުމީ ހިތާމަ އިއްލާން ކުރައްވާފަ އެވެ. (އަލްޖަޒީރާ)