11 Dec 2014, 03:48
މާލެއަށް ދިމާވެފައިވާ ފެނުގެ ދަތި ކަމާ ގުޅިގެން ބަލިމަޑުކަމެއް ފެތުރިދާނެތީ ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓުތަކަށް ޑިސްޕޯސެބަލް ތަށްޓާއި ސަމްސާ ބަހަން ފަށައިފި އެވެ.
ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން ސަރުކާރަށް ހަދިޔާ ކުރި އެތަކެތި މިރޭ އެމްއެންޑީއެފް އިން ވަނީ ބަހަން ފަށާފަ އެވެ. އެތަކެތި ބަހާނީ އާދައިގެ ރެސްޓޯރެންޓު ތަކާއި މާރުކޭޓު ސަރަހައްދުގައި ހުންނަ ކެފޭތަކާއި ހޮޓާތަކަށެވެ.
ފެނުގެ މައްސަލަ ހައްލު ކުރުމަށް އުފައްދާފައިވާ ޓާސްކް ފޯހުގެ ޗެއާމަން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ޑިސްޕޯސަބަލް ތަށި ރެސްޓޯރެންޓުތަކަށް ބަހަން ފެށުމުން، ފެނުގެ އިސްރާފު ކުޑަވެގެންދާނެ ކަމަށެވެ. އަދި ރަނގަޅު ސިއްހީ ހާލަތެއް މާލޭގައި ދެމެހެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރެސްޓޯރެންޓުތަކުގައި ބޭނުންކުރާ ފެންބޯތަށި އޭގެ އިތުރުން ކެއުމަށް ބޭނުން ކުރާ އުލާއި ސަމްސާ އެއްޗެހި ގެނެވިފައި ހުރީ. އިރާދު ކުރެއްވިއްޔާ މިރޭ މާލޭގެ ގިނަ ރެސްޓޯރެންޓުތަކަށް މި އެއްޗެހި ބަހަމުން ގެންދާނަން. އަޅުގަނޑުމެންގެ އަމާޒަކީ އެންމެ މުއްސަނދި ރެސްޓޯރެންޓުތައް ނޫން އެހެން ތަންތަނަށް އެތަކެތި ބެހުން. ހާއްސަކޮށް މާރުކޭޓު ސަރަހައްދުގައި ހުންނަ ހޮޓާތަކާއި ކެފޭތައް ކަހަލަ ތަންތަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެތަކެތި ބަހާނެ ވަކި ރޭޓެއް އަދި ގެނެސްފައިވާ އަދަދެއް ޑިފެންސް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ޑިސްޕޯސެބަލް ތަށި ފަދަ ތަކެތީގެ ދެ ޝިޕްމެންޓެއް އަދި ލިބޭނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.