10 Dec 2014, 23:19
ފެނުގެ ސްޓްރެޓެޖިކް ރިޒާވް ގާއިމް ކުރުމަށް ކުރާ މަސައްކަތުގެ ދަށުން 20،000 ޓަނުގެ ފެން ރައްކާ ކުރާ ތާނގީތަކެއް މާލޭގައި ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ފެނުގެ މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހުރިއްޔާ އުފެއްދެވި ޓާސްކު ފޯހުން ބުނެފި އެވެ.
އެމްޑަބްލިޔުއެސްސީގެ ޕެނަލް ބޯޑުތަކުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފެނުގެ ހިދުމަތް މެދުކެނޑުމާއި ގުޅިގެން އެ މައްސަލައަށް ހައްލު ކުރުމަށް ރައީސް އުފެއްދެވި ޓާސްކު ފޯހުން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ މާލޭގައި 20،000 ޓަނުގެ ފެން ރައްކާ ކުރާ ތަރު ތާނގީ ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ފެނުގެ ސްޓްރެޓެޖިކް ރިޒާވް އެއް ގާއިމް ކުރުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ނިންމަވާފައިވާ ކަމަށް ޓާސްކު ފޯހުން ބުންޏެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ އެ ހަތަރު ތާނގީގައި އެއްވެސް ދަތި ކަމެއް ނެތި ތިން ދުވަހަށް ބޭނުން ކުރެވޭނެ ފެން ރައްކާ ކުރެވިގެން ދާނެ ކަމަށެވެ. އެގޮތުން ފެނުގެ ސްޓްރެޓެޖިކް ރިޒާވް ގާއިމް ކުރުމަށް، އަންނަ ހަފްތާގެ އާދިއްތަ ދުވަހު އެތަކެތި ހޯދުމަށް ގެޒެޓް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޓާސްކު ފޯހުން އަދި ބުނީ މިރޭ 7:30 ގައި އެމްޑަބްލިއުއެސްސީން ދޫކުރަން ފެށި ފެން މިރޭ 11:30 އާ ހަމައަށް ދޫކުރާނެ ކަމަށެވެ. އަދި މާދަމާ ހެނދުނު 8:00 އިން ފެށިގެން 12:00 އަށް ފެން ދޫކުރަން ހަމަޖެހިފައިވާއިރު، މާދަމާ ރޭ 7:00 އިން 12:00 އަށް ފެން ދޫކުރާނެ ކަމަށް ވެސް ޓާސްކު ފޯހުން ބުނެ އެވެ. އަދި މިއަދުން ފެށިގެން ފުޅީގައި ބަންދުކޮށްފައި ހުރި ފެން ދޫކުރުން މިހާރު ހުއްޓާލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓާސްކު ފޯހުން ބުނީ ރާއްޖެ ގެންނަ ދެ ޕެނަލް ބޯޑު މާދަމާ ހެނދުނުގެ ވަގުތެއްގައި ރާއްޖެ ގެންނާނެ ކަމަށާއި އަދި އެ ދެ ޕެނަލް ބޮޑު ހަރުކުރުމުގެ މަސައްކަތް ވަގުތުން ފެށިގެން ދާނެ ކަމަށެވެ. މިނިސްޓަރު ނާޒިމް ވިދާޅުވި ޕެނަލް ބޯޑު ގަތުމަށް ހަރަދު ކުރީ ކުންފުނިން ކަމަށެވެ.
ޓާސްކު ފޯހުން ބުނީ ހަތް ދުވަހާއި 10 ދުވަހާ ދޭތެރެ 24 ގަޑިއިރު ފެންދިނުމުގެ ލަނޑުދަނޑި ހާސިލު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.