01 Feb 2011, 18:51
ޑީއާރްޕީގެ ކެންޕޭން ސާމާނުތަކެއް ބޭނުންކޮށްގެން ޕީއޭގެ ކެންޑިޑޭޓަކު ކެންޕޭން ކުރަމުންދާ ކަމަށް ބުނެ، ފުލުހުންނަށާއި އިލެކްޝަންސް ކޮމިޝަނަށް ޑީއާރްޕީން މައްސަލަ ހުށަހަޅައިފި އެވެ.
ޕީއޭއިން މ. އަތޮޅު ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓް އަދި ކުރީގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މ. އަތޮޅު މެންބަރު އަހުމަދު ސުލައިމާން ޑީއާރްޕީގެ ކެންޕެއިން ސަމާނު ބޭނުންކޮށްގެން ކެންޕެއިން ކުރަމުންދާ މައްސަލައާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވީ ޑީއާރްޕީގެ ލޯގޯ އާއި ނަން ބޭނުންކޮށްގެން ސުލައިމާން ނާޖައިޒް ފައިދާތައް ނަގަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށާއި އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
މުލަކު ދާއިރާގެ އަތޮޅު ކައުންސިލް ކަމަށް ޑީއާރްޕީގެ ޓިކެޓްގައި ކުރިމަތިލާފައިވަނީ ތިން ކެނޑިޑޭޓުން ނެވެ. އެއީ ޔޫސުފް ސިދްގީ އާއި އަލީ ނިޝާން އަދި ޒާހިރު މުހައްމަދެވެ.
ރޮޒައިނާ ވިދާޅުވީ އެ ތިން ކެނޑިޑޭޓުންގެ އިތުރުން އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދު ކުރަން އެ ޕާޓީން ނިންމާފައި ނުވާނެ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ އަމިއްލަ ގޮތުން ޑީއާރުޕީގެ ބައެއް މެންބަރުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަމުންދާ މައްސަލަ، ޕާޓީން ބަލަމުންދާ ކަމަށާއި އެ މެންބަރުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ވިދާޅުވީ އަމިއްލަ ގޮތުން ކުރިމަތިލެއްވި ޕާޓީގެ މެންބަރުން ވެސް ޑީއާރްޕީގެ ނަން ބޭނުން ކުރަމުންދާ ކަމަށާއި އެކަމަކު އެފަދަ މެންބަރުން ޑީއާރްޕީއަށް ކެމްޕޭން ނުކޮށް ކެންޕެއިން ކުރަނީ އެމްޑީޕީއަށް ކަމަށެވެ.