19:00


މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށުން ހިންގާ ފެކަލްޓީއަކަށް ކުއްލިއްޔަތުއް ދިރާސަތުލް އިސްލާމިއްޔާ ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހަމަޖައްސަވައިފި އެވެ.


ސަންއެފްއެމްގެ ބެރޭކިން ނިއުސް އަށް ދެއްވި އިންޓަވިއެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ މިއަދު މެންދުރު ވިދާޅުވީ، ކޮލެޖްގެ ދަށަށް ކުއްލިޔާ ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ގަރާރަކުން ކަމަށާއި އަދި އެގޮތަށް އެކަންތައް ހަމަޖެއްސުމަށް ނިންމެވީ ކުއްލިޔާ ގައުމީ ޔުނިވާސިޓީގެ ދަށަށް ގެނައުމަށް އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯގައި ވެސް ކަނޑައަޅާފައިވާތީ ކަމަށެވެ. އަދި މުސްތަގުބަލުގައި ގައުމީ ޔުނިވާސިޓީ ވެގެންދާނީ ސަރުކާރުގެ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާ އެކު އިލްމު އުނގަންނައިދޭ ތަނަކަށް ކަމަށާއި ގައުމީ ޔުނިވާސިޓީގައި އަރަބި ތައުލީމް އުގަންނައިދިނުން ވާނީ، ތަފާތު އިލްމުތައް އެއް ކުޑައެއްގެ ދަށުން އުގަންނައިދިނުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.


މިނިސްޓަރ އިތުރަށް ވިދާޅުވީ ކުއްލިޔާއިން މިހާރު ވެސް ހިންގާ ތަފާތު ކޯސްތައް ކުރިއަށް އޮތް ތާނގައި ވެސް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށާއި އަދި ކުއްލިއްޔާގައި ވަޒީފާ އަދާކުރަމުން އަންނަ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރ ދެއްވި އެވެ.


ކުއްލިޔާގެ އަމީދު އަލްއުސްތާޒު އިބްރާހިމް ރަޝީދު މޫސާ އެ މަގާމުން ވަކިކުރައްވަން އުޅޭ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން އެ މަނިކުފާނަށް ތަފާތު ހުށަހެޅުންތައް ހުށަހެޅި ކަމަށާއި ނަމަވެސް މިނިސްޓްރީގެ އެ ހުށަހެޅުންތައް ގަބޫލުނުކުރައްވައި ރިޓަޔާމަންޓަކަށް ވަޑައިގަތުމަށް އަލްއުސްތާޒު އިބްރާހިމް ރަޝީދު މޫސާ އެދިވަޑައިގެންފައިވާ ކަމަށެވެ.


ސްޓޭޓް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އަހުމަދު އަލިމަނިކު ވިދާޅުވީ އަރަބި ބަހުން "ކުއްލިއްޔަތުއް ދިރާސަތުލް އިސްލާމިއްޔާ" ނަމުން އެތަނަށް މުހާތަބުކުރިޔަސް އެ ނަމަށް އިތުރު ބަދަލެއް ނުގެންނާނެ ކަމަށާއި ނަމަވެސް އެތަނަށް އިނގިރޭސީ ބަހުން ކިޔާނީ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް ކަމަށެވެ.