މި މަހުގެ ފެން ބިލަށް ފައިސާ ނުނެގުމަށް ގޮވާލައި އެމްޑީޕީން މިރޭ ވެސް މާލޭގައި ކުރި މުޒާހަރާ ތެރެއަށް ބަޔަކު ވަދެ، ހަމަނުޖެހުން ހިންގައިފި އެވެ.

ސޯސަންމަގު ރޯޝަނީ ބިލްޑިން ކައިރީގައި އެމްޑީޕީން މިރޭ ވެސް ކުރަމުންދާ މުޒާހަރާއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހަ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. މުޒާހަރާ ތެރެއަށް ވަދެ، ހަމަނުޖެހުން ހިންގަން އުޅުނީ ޒުވާން އުމުރުފުރައިގެ ކުދިންތަކެވެ.

އެމްޑީޕީ މުޒާހަރާ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި ޒުވާނުން ފުލުހުން ހައްޔަރުކޮށްފައި-- ސަން ފޮޓޯ


އެމްޑީޕީ މުޒާހަރާ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި ޒުވާނުން ވަނީ މުޒާހަރާގެ ބައިވެރިން ގެންގުޅުނު ޕިކަޕަށް އަރައި، އަޑުގަދަ ކުރާއަށް ގެއްލުންދޭން މަސައްކަތްކޮށްފަ އެވެ. މިރޭގެ މުޒާހަރާއަށް ވަދެ، ހަމަނުޖެހުން ހިންގި ޒުވާނުން މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދޭން އުޅުނުމުގެ ކުރިން ފުލުހުން ވަނީ އެ މީހުން ހިފަހައްޓާފަ އެވެ. އަދި އެ މީހުންގެ ފަހަތަށް ބިޑިއަޅުވައި ކުޑަކަކޫ މައްޗަށް އެ މީހުން ތިރި ކުރި އެވެ.

ހަމަނުޖެހުން ހިންގަން އުޅުނު ޒުވާނުން ފުލުހުންގެ ވެހިކަލަށް އަރުވަނީ-- ސަން ފޮޓޯ