މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކަރުގައި ވަޅި އަޅައި ބޮލުގެ ނާށިގަނޑު ފަޅާލުމުން ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ސ. މަރަދޫ، ހުދުހިރި، އަހުމަދު މަފާޒަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. އަދި ތ. ތިމަރަފުށީ ބުލޫނިޔާގޭ އަހްމަދު އަސީލް މަރާލި މައްސަލައިގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރި ކުއްޖާގެ ބަންދަށް ވެސް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައި ވަނީ މިއަދު އެ ކޯޓަށް ގެންދިއުމުން ކަމަށެވެ.

އަސީލްގެ މަރާ ގުޅިގެން އުމުރުން 16 އަހަރުގެ ކުއްޖާ ހައްޔަރު ކޮށްފައި ވަނީ އިއްޔެ ހަވީރު 5:00 އެހައިކަންހާއިރު މ. ރިހިވިދުވަރުގެއިން ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާއަކީ އަސީލްގެ މަރާ ގުޅިގެން ހައްޔަރު ކުރި އަށް ވަނަ މީހާ އެވެ.

މަފާޒުގެ މަރާ ގުޅިގެން އިއްޔެ ހަވީރު 3:35 އެހައިކަންހާއިރު ހ. ބްލޫބާޑްގެއިން ހައްޔަރުކޮށްފައި ވަނީ 20 އަހަރު ދިވެހި ފިރިހެނެކެވެ.

ހޮނިހިރު ދުވަހުގެރޭ ދަންވަރު ތޫނު އެއްޗަކުން ހަމަލަދީ މަރާލި މަފާޒުގެ ކަރުގައި ވަޅި އެޅުމުގެ އިތުރުން އޭނާގެ ހަށިގަނޑުގެ އެކިތަންނުގައި ވަނީ ވަޅި އަޅާފަ އެވެ. އަދި މަފާޒު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެ ރޭ 1:45 އެހާކަންހާއިރު މަގުމަތިން ޓެކްސީއެއް ހުއްޓުވުމަށްފަހު ފުލުހުންގެ އެހީތެރިކަމާއެކު އެ ޓެކްސީގަ އެވެ.