10 Dec 2014, 21:05
މިއަހަރު ހައިކޯޓަށް އެންމެ ގިނައިން ހުށަހެޅިފައި ވަނީ ސިވިލް ކޯޓުން ނިންމާފައިވާ މައްސަލަތައް ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ސިވިލް ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ސިވިލް ކޯޓުން ނިންމާފައިވާ 120 މައްސަލައެއް މިއަހަރުގެ މިހާތަނަށް ވަނީ ހުށަހެޅިފައެވެ. އަދި ކްރިމިނަލް ކޯޓުން ނިންމާފައިވާ 76 މައްސަލައެއް މިއަހަރުގެ މިހާތަނަށް އެ ކޯޓަށް ވަނީ ހުށަހެޅިފައެވެ.
މިދިޔަ އަހަރަށް ބަލާއިރު ސިވިލް ކޯޓުން ނިންމާފައިވާ 115 މައްސަލައެއް ހުށަހެޅިފައިވާއިރު 2012 ވަނަ އަހަރު ހުށަހެޅިފައި ވަނީ ސިވިލް ކޯޓުން ނިންމާފައިވާ 110 މައްސަލައެކެވެ.
ފާއިތުވި ދެ އަހަރަށް ބަލާއިރު ދެވަނަ އަށް އެންމެ ގިނަ މައްސަލަ އެ ކޯޓަށް ހުށަހެޅިފައި ވަނީ ކްރިމިނަލް ކޯޓުން ނިންމާފައިވާ މައްސަލަތަކެވެ. އެގޮތުން ކްރިމިނަލް ކޯޓުން ނިންމާފައިވާ 97 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު 2013 ވަނަ އަހަރު ހުށަހެޅިފައި ވަނީ އެ ކޯޓުން ނިންމާފައިވާ 122 މައްސަލަ އެވެ.
މިއަހަރުގެ މިހާތަނަށް ހައިކޯޓަށް ހުށަހެޅިފައި ވަނީ ފެމެލީ ކޯޓުން ނިންމާފައިވާ 10 މައްސަލައެކެވެ. މިދިޔަ އަހަރު ހުށަހެޅިފައި ވަނީ އެ ކޯޓުން ނިންމާފައިވާ 11 މައްސަލައެކެވެ. އަދި 2012 ވަނަ އަހަރު ހުށަހެޅި ފައި ވަނީ ފެމެލީ ކޯޓުން ނިންމާފައިވާ 12 މައްސަލައެކެވެ.
ޖުވެނައިލް ކޯޓުން ނިންމާފައިވާ ދެ މައްސަލައެއް މިއަހަރުގެ މިހާތަނަށް ހައިކޯޓަށް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައި ވަނީ އެ ކޯޓުން ނިންމާފައިވާ 11 މައްސަލައެކެވެ. އަދި 2012 އަހަރު ހުށަހެޅިފައި ވަނީ އެ ކޯޓުން ނިންމާފައިވާ ހަތަރު މައްސަލައެކެވެ.
ހައިކޯޓަށް އެންމެ މަދުން ހުށަހެޅެނީ ޑްރަގް ކޯޓުން ނިންމާ މައްސަލަތަކެވެ. އެގޮތުން މިއަހަރު އެ ކޯޓުން ނިންމާފައިވާ އެއް މައްސަލަ ހުށަހެޅިފައިވާއިރު 2012 އަދި 2013 ވަނަ އަހަރު ވެސް އެ ކޯޓުން ނިންމާފައިވާ މައްސަލައެއް ހުށަހެޅިފައެއް ނުވެއެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ 28 މައްސަލައެއް މިއަހަރުގެ މިހާތަނަށް ހުށަހެޅިފައިވާއިރު މިއަހަރުގެ މިހާތަނަށް ހުށަހެޅިފައި ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާފައިވާ އެންމެ މައްސަލައެކެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ 31 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅުނު އިރު ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާފައިވާ ހަތް މައްސަލައެއް ވެސް މިދިޔަ އަހަރު ހުށަހެޅުނެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާފައިވާ އެއްވެސް މައްސަލައެއް 2012 ވަނަ އަހަރު ހުށަހެޅިފައި ނެތްނަމަވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ 35 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅުނެވެ.