10 Dec 2014, 19:37
އަންނަ އަހަރު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ޕްރީ ސްކޫލްތަކުން ގްރޭޑް އެކަކަށް ބަދަލުވި ދަރިވަރުންގެ އަދަދު 11.6 ޕަސެންޓް އިތުރުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ދިރާސީ އާ އަހަރަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ގްރޭޑް އެކަކަށް 2074 ދަރިވަރުން ބަދަލުވެފައިވާ ކަމަށެވެ. އަދި ގްރޭޑް އެކަކަށް ވަނުމަށް އެދި ހުށަހަޅާފައިވާ ހުރިހާ ދަރިވަރުންނަށް ވެސް ސްކޫލްތަކުން ޖާގަ ދީފައިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ތަފާތު ސަބަބުތަކަށްޓަކައި މާލެ އާއި ވިލިމާލެ އަދި ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރައްވާ ބޭފުޅުން އެ އަވަށްތަކުގެ ސުކޫލުތަކުން ޖާގަ ހޯދުމަށް 664 ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ އަވަށުތަކުގެ ސްކޫލްތަކުން ޖާގަ ހުރި މިންވަރަކުން ޖާގަ ދެމުންދާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މާލޭ ޕްރީ ސްކޫލްތަކުގައި މިއަހަރު ކިޔެވި ދަރިވަރުންގެ ތެރެއިން ކުރިއަށް އޮތް ދިރާސީ އާ އަހަރު މާލޭގެ ސްކޫލްތަކަށް ދަރިވަރުން ބަހާފައިވާ ގޮތުގެ މައުލޫމާތު ވެސް އެޑިއުކޭޝަނުން ވަނީ ވެބްސައިޓެއްގައި އާންމުކޮށްފި އެވެ. އެގޮތުން އެ ކުއްޖެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ވެބްސައިޓުގައި ޖެހުމުން އެ ދަރިވަރަކަށް ޖާގަ ލިބިފައިވާ ސްކޫލް އެނގޭނެ އެވެ.
އަންނަ ދިރާސީ އާ އަހަރު އެންމެ ގިނަ ދަރިވަރުންނަށް ގްރޭޑް އެކަކުން ޖާގަ ދީފައި ވަނީ، އިސްކަންދަރު ސްކޫލުންނެވެ. އެގޮތުން އެ ސްކޫލުން 297 ދަރިވަރަކަށް ގްރޭޑް އެކަކުން އަލަށް ޖާގަދީފައިވެ އެވެ.
ދެ ވަނައަށް އެންމެ ގިނަ ދަރިވަރުން އެކަކަށް ވައްދާފައި ވަނީ ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލަށެވެ. އެ ސްކޫލުން 236 ދަރިވަރުންނަށް ޖާގަދީފައިވާ އިރު ތިން ވަނައަށް އެންމެ ގިނައިން ގްރޭޑް އެކަކުން ޖާގަދީފައި ވަނީ ޖާމާލުއްދީން ސްކޫލަށެވެ. އެއީ 231 ދަރިވަރުންނެވެ.