10 Dec 2014, 21:21
ކޮލަމްބޯއިން: އަޙްމަދު މުޖްތަބާ
ސްރީ ލަންކާގެ ކޮލަންބޯގައި ހުންނަ ސޯސަންވިލާގައި ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ގައި 400 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ފުރަތަމަ ފަހަރަށް ގުރުއާނާއި އިސްލާމާއި ދިވެހި ޓެސްޓް ހަދައިފި އެވެ.
އެމްއީސީސީއިން ތައުލީމު ހާސިލްކުރި 400 އަށް ވުރެ ގިނަ ދަރިވަރުންނަށް އެ ސެންޓަރުން ފުރަތަމަ ފަހަރަށް ބޭއްވި އިމްތިހާނުގެ ނަތީޖާ ފާޅުކުރުން އޮތީ މިއަދު ހަވީރު 4:00އިން 5:00އަށް ސޯސަންވިލާގަ އެވެ.
މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވި އެމްއީސީސީގެ އެޑްމިނިސްޓްރޭޓަރު އަބްދުއްރަޝީދު އާދަމް "ސަން"އަށް މިއަދު ވިދާޅުވީ، އެ ސެންޓަރުގެ ފުރަތަމަ އިމްތިހާނާ އަޅައިބަލާއިރު، ދަރިވަރުންގެ ނަތީޖާ ރަނގަޅު ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ކިޔަވައިދެވުނީ، އެންމެ ޓާމެއްގައި ދެއްތޯ. އެހެންވީމާ އަޅުގަނޑުމެންނަށް މި ކިޔަވައި ދެވުނު އެއްޗަކަށް ބިނާކޮށް އަޅުގަނޑުމެން އެގްޒާމް ދެވިފައި އޮންނާނީ. އެހެންވީމާ ޖުމުލަކޮށް ދަންނަވާނަމަ ގިނަ ދަރިވަރުން ޕާފޯމް ކޮށްފައި އެބަ ހުރި،" އަބްދުއްރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގިނަ ދަރިވަރުންތަކެއް ރަނގަޅު ނަތީޖާތަކެއް ހޯދި ނަމަވެސް، ބައެއް ދަރިވަރުން "ދިވެހި ބަހަަށް ފަރިތަ ނުވުމުން" އެ ދަރިވަރުންގެ ނަތީޖާ ރަނގަޅު ނޫން ކަމަށެވެ. އެމްއީސީސީން މިހާރު ތައުލީމް ހާސިލް ކުރާ ދަރިވަރުންގެ އަދަދަކީ 417 އެވެ.
"ވީކް ކުދިން އެބަ ތިބި އިނގޭތޯ. މި ދެންނެވީ އެއްވެސް ވަރަކަށް ދިވެހި ނޭނގޭ ކުދިން ވެސް އެބަ ތިބި. އެހެން ވުމުން އެފަދަ ކުދިންނަށް ކިޔަވައިދިނުމަށް ވެސް ދަތިތަކެއް ކުރިމަތިވޭ. އެފަދަ ކުދިންގެ ނަތީޖާ ދަށްކޮށް ހުރީ. އެކަމަކު ޖުމުލަ ގޮތެއްގައި ގިނަ ދަރިވަރުންތަކެއް ކުރިއެރުން ހޯދާފައި ހުރީ،" އެމްއީސީސީގެ އެޑްމިނިސްޓްރޭޓަރު ވިދާޅުވި އެވެ. "ދެން ދިވެހި ސަރުކާރާއި، ބެލެނިވެރިންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް އަޅުގަނޑުމެންނަށް ލިބޭމުންދޭ."
އެމްއީސީސީގައި އިސްލާމް ކިޔަވައި ދެއްވާ އާއިޝަތު ނިޔާޒާ ވިދާޅުވީ ދަރިވަރުންގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި ބައެއް ކުދިންނަށް ދިވެހިން ރަނގަޅަށް ވާހަކަ ނުދެއްކޭތީ އެ ކުދިންނަށް ކިޔަވައި ދިނުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. ނަވަމެސް ބެލެނިވެރިންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް އެ ކަމަށް ލިބެމުން ދާތީ ކުރިއަށް އޮތްތަނުގައި ދަރިވަރުންގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށް ނިޔާޒާ ވިދާޅުވި އެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އިސްލާމް، ދިވެހި އަދި ގުރުއާން އުނގެނުމާއި ދިވެހި އާދަކާދައާއި ސަގާފަތް ވެސް އުނގަންނައި ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން ލަންކާގައި ގާއިމްކޮށްފައިވާ، އެމްއީސީސީގައި ތައުލީމު ހާސިލްކުރަމުންދާ ދެ ކުއްޖެއްގެ ބެލެނިވެރިއަކު ބުނީ، "މިއީ އަދުގެ ސަރުކާރުން ކޮށްދެއްވި ވަރަށް ރަނގަޅު ކަމެއް" ކަމަށެވެ.
ލަންކާގައި ދިވެހި ކިޔަވާކުދިން އިސްލާމް، ދިވެހި ގުރުއާން އެ މާއްދާތަކުން އާންމުކޮށް ޓީޗަރުން ގެއަށް ގެނެސްގެން ކިޔަވައިދެނީ މާއްދާއަކަށް މަހަކު 2000 ރުޕީސް (235 ރުފިޔާ) ހަރަދުކޮށްގެންނެވެ.
"އަޅުގަނޑުގެ ދެ ކުދިންނަށް މިތަނުން ކިޔައިދެމުން މި ދަނީ. ކުރިން ގެއަށް ޓީޗަރުން ގެނެސްގެން ކިޔަވައިދެނީ. އެއީ ގާތްގަނޑަކަށް މާއްދާއަކަށް 2000 ވަރަކަށް ރުޕީސް. މިހާރު އެ ޚަރަދު ސަލާމަތްވީ. އަދި މިތަނުގައި ކިޔަވައިދޭލެއް ވެސް ވަރަށް ރަނގަޅު،" ދެ ދަރިންނަށް ކިޔަވައިދިނުމަށް އަނބިމީހާ ގޮވައިގެން ލަންކާގައި ދިރިއުޅެމުން އަންނަ ހަސަން ނައުފަލު ސަންއަށް ކިޔައިދިނެވެ.
އެމްއީސީސީގެ 2014 ވަނަ އަހަރުގެ "ފައިނަލް ޓާމް"ގެ ކިޔެވުން ނިމި، ދަރިވަރުންނަށް މިއަދު ރިޕޯޓު ކާޑު ދީފައިވާއިރު، މި ޓާރމްގައި އެ ސެންޓަރުގައި ކިޔަވައިދީފައި ވަނީ، 44 ދުވަހު އެވެ. އަންނަ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ، ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

ތަފާތު ސަބަބުތަކާހުރެ، މިފަހަރުގެ އިމްތިހާނުގައި ބައިވެރި ނުވެވުނު ދަރިވަރުންނަށް މި މަހުގެ 16 ވަނަ ދުވަހު، އަލުން އިމްތިހާނު ހެދުމުގެ ފުރުސަތު ދޭނޭ ކަމަށް އެމްއީސީސީން ބުންޏެވެ.
"އަޅުގަނޑުމެން ނިންމާފައި މި ވަނީ، އެކިއެކި ސަބަބުތަކާ ހެދި އިމްތިހާނުގައި ބައިވެރި ނުވެވުނު ކުދިންނަށް އިތުރު ފުރުސަތެއް ދިނުމަށް. އެގޮތުން އެ ކުދިންނަށް ދޭ އެގްޒާމެއް އޮންނާނެ 16 ވަނަ ދުވަހުގެ 2:00ގައި. ބައިވެރިވާ ބޭނުންވާ ހުރިހާ ދަރިވަރުން މި ކޮޅަށް ގުޅައިގެން ނަންނޯޓުކޮށް، އެ ދުވަހު އިމްތިހާނު ހެދުމަށް އެ ކުދިން މިތަނަށް ފޮނުއްވައި ދެއްވުމަށް ބެލެނިވެރިންގެ އަރިހުން އެދެން. މިއީ އަޅުގަނޑުމެންނަށް ދެވޭނެ ފަހުގެ ފުރުސަތު. އެ ނޫނީ އެ ކުދިން ޖެހޭނީ މިހާރު ތިބި ކްލާހުގައި ރިޕީޓް ކުރަން،" އަބްދުއްރަޝީދު ވިދާޅުވި އެވެ.
ތޭރަ ޓީޗަރުން ކިޔަވައިދެއްވާ އެމްއީސީސީ އިން ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވައެއްގައި ކިޔަވާ ދަރިވަރުންނަށް ގުރުއާނާއި އިސްލާމާއި ދިވެހި ކިޔަވައިދެ އެވެ. އަދި އަންނަ އަހަރު ގްރޭޑް 10 އެއްގެ ދަރިވަރުންނަށް ވެސް އެ މާއްދާތައް ކިޔަވައިދޭން ފަށާނެ އެވެ.