ޓޯޔާޑުގައި އިއްޔެ ހިނގި އަލިފާނުގެ ހަދިސާގައި ތަކެތި އެނދި ތައިސޭ ކޮށީގައި ދިރިއުޅޭ ބިދޭސީންނަށް މާލޭ ރޮޓަރީ ކްލަބުން އެހީތެރިވެދީފި އެވެ.

ރޮޓަރީ ކުލަބުން ހަދިޔާ ކުރި އަންނައުނާއި ހިފައިގެންގުޅޭ ތަކެތި މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބާ ހަވާލު ކުރީ މިއަދު ހަވީރު ތައިސޭ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރޮޓަރީ ކްލަބުގެ އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ޗެއާމަން އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވީ އެ ތަކެއްޗަކީ ރޮޓަރީ ކްލަބުގެ މެންބަރުންނާއި ހެޔޮއެދޭ ފަރާތްތަކުން ހަދިޔާކުރައްވާފައިވާ ތަކެތި ކަމަށެވެ. އަދި މުޖުތަމައުއަށް ދިމާވާ މިފަދަ ކޮންމެ ހާދިސާއެއްގައި ވެސް އެހީވުމަށް އެ ކްލަބުން މަސައްކަތް ކުރާނެ ކަމަށް އާތިފް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން މިފަދަ އަވަސް އެހީއެއް ވެދެއްވި ކަމަށް ޓަކައި ރޮޓަރީ ކްލަބަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ރޮޓަރީ ކްލަބުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި އަންނައުނާއި ދަތް އުގުޅާ ބޭސް، ބުރުސް، ތުވާލި، ޝޭމްޕޫ ފަދަ ތަކެތި ހިމެނެ އެވެ.