10 Dec 2014, 16:57
އިނގިރޭސިވިލާތުގައި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީއަށް ފާޑުކިޔާ މީހުން ވަނީ ސޯޝަލް މީޑިއާ ޓްވިޓާގައި އޭނާއާ ދެކޮޅު ހޭޝްޓެގްއެއް އުފައްދައި ބޭނުންކުރަން ފަށާފަ އެވެ. ކެމެރަންއާ ދެކޮޅަށް އުފެއްދި "ކެމެރަން މަސްޓް ގޯ" ހޭޝްޓެގް ބޭނުންކޮށްގެން ފާއިތުވި އެއް މަސް ދުވަސްތެރޭގައި 1.1 މިލިޔަން ޓުވީޓް ކޮށްފައިވާ ކަން ޓްވިޓާ ދިރާސާ ކުރާ ޓޮޕްސީ އިން ދައްކަ އެވެ.
ނަމަވެސް އެހާވަރަށް އެ ހޭޝްޓެގް ބޭނުންކުރަމުން އަންނަނިކޮށް ޓުވިޓާގެ ޓްރެންޑިން ލިސްޓް (އެންމެ މަގުބޫލު މައުލޫތައް ދައްކުވައިދޭ ލިސްޓް) އިން އެ ހޭޝްޓެގް ވަނީ ގެއްލިފަ އެވެ. ކެމެރަންއާ ދެކޮޅު ބައެއް މީހުން ވަނީ އެކަމާ ސުވާލު އުފައްދާފަ އެވެ. ޓުވިޓާއާއި ކެމެރަން ގުޅިގެން އެ ހޭޝްޓެގް ޓްރެންޑިން ލިސްޓުން ނެގީ ކަމަށް ބައެއް މީހުން ވަނީ ތުހުމަތު ކުރަން ފަށާފަ އެވެ.
ނަމަވެސް ކެމެރަން މަސްޓް ގޯ ހޭޝްޓެގް ގެއްލުނީ އެފަދަ އެއްވެސް ކަމަކުން ނޫން ކަމަށް ޓުވިޓާ ދިރާސާ ކުރާ މީހުން މިހާރު ވަނީ ދެނެގަނެފަ އެވެ. އެކަން އެނގުނު އިރު އެއީ އެހާ ޝައުގުވެރި ކަމަކަށް ވެސް ނުވި އެވެ.
ކެމެރަންއާ ދެކޮޅު ހޭޝްޓެގް ޓްރެންޑިން ލިސްޓުން އަސްލުގައި ގެއްލުނީ އެއީ ފޫހި މައުލޫއަކަށް ވުމުންނެވެ. އެހެނީ ޓުވިޓާ ޓްރެންޑިން ލިސްޓަށް ހޭޝްޓެގްތަކާއި މައުލޫތައް އަރަނީ އޮޓަމެޓިކުންނެވެ. އެގޮތުން އެލިސްޓަށް އަރަނީ އެވަގުތަކަށް އެންމެ ގިނަ މީހުން އެކަމަކާ ބެހޭ ގޮތުން ކުރިއަށް ވުރެ ބޮޑަށް މިހާރު ވާހަކަ ދެކެވޭ މައުލޫތަކެވެ.
އެހެންވީމާ ކެމެރަން މަސްޓް ގޯ ހޭޝްޓެގް ޓުވިޓާ އިން ގެއްލުނީ މަތީގައިވާ ފޮޓޯ އިން މި ފެންނަ ސަބަބާ ހެދި އެވެ.