މިރިހި އައިލެންޑް ރިސޯޓުގެ ފަރާތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ވަގުތީ ގޮތުން ފެން ޕްލާންޓެއް ހަދިޔާކޮށްފި އެވެ.

އައިޖީއެމްއެޗްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ރިސޯޓުން ހަދިޔާކުރި ފެން ޕްލާންޓާ ހަވާލުވެވަޑައިގަތީ ފެނުގެ ދަތިކަން ކުރިމަތިވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޓާސްކް ފޯހުގެ ފަރާތުންނެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޓާސްކް ފޯސްގެ ޗެއާމަން އަދި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު ވިދާޅުވީ، އައިޖީއެމްޗަކީ ގިނަ އަދަދެއްގެ ފެން އެކި ކަންކަމުގައި ބޭނުންވާ ތަނަކަށްވެފައި އެ ހޮސްޕިޓަލުގައި މިވަގުތު ފެން އުދައްދާނެ ނިޒާމެއް ނެތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އައިޖީއެމްއެޗަަށް މިއަދު ހަދިޔާކުރި ފެން ޕްލާންޓަކީ މިރިހި އައިލެންޑް ރިސޯޓުގައި ބޭނުންކުރާ ދެ ފެން ޕްލާންޓުގެ ތެރެއިން އެއް ޕްލާންޓް ކަމަށެވެ. އަދި އެ ފެން ޕްލާންޓަކީ ވަގުތީ ގޮތުން ހަދިޔާ ކުރި ފެން ޕްލާންޓެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ގައުމަށް ދިމާވާ މިފަދަ ގައުމީ ކަންކަމުގައި ހުރިހާ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވޭ. އެހެންކަމުން މިރިހި އައިލެންޑް ރިސޯޓުގެ ސްޓާފުން މި ދެއްކެވި ނަމޫނާ އަކީ އަބަދު ވެސް ބަލައިގަންނަ ނަމޫނާއެއްކަން އުފަލާ އެކު ފާހަގަކުރަން،" ނާޒިމް ވިދާޅުވި އެވެ.

މިރިހި އައިލެންޑް ރިސޯޓުގެ ފަރާތުން މިއަދު އައިޖީއެމްއެޗަށް ވަގުތީ ގޮތުން ހަދިޔާކުރި އެ ފެން ޕްލާންޓަކީ ދުވާލަކު 100 ޓަނުގެ ފެން އުފެއްދޭ ފެން ޕްލާންޓެކެވެ.

މާލެއަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން އައިޖީއެމްއެޗުން ބޭނުންކުރަމުން އައީ އެ ހޮސްޕިޓަލުގެ ސްޓޯރޭޖް ޓޭންކްތަކަށް ފެން އަޅައިގެންނެވެ. އެގޮތުން، އެމްއެންޑީއެފްގެ ފަރާތުން ކޮންމެ ހަތަރު ގަޑިއިރަކުން ފެން އަޅަމުންދެ އެވެ.