ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި 24.3 ބިލިއަން ރުފިޔާގެ ބަޖެޓުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރެއްވުމާ ގުޅިގެން މަސީހު ވިދާޅުވީ މިއަދަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި މަސައްކަތެއް ނިމުނު ދުވަހެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް އެކަމުގެ ސަބަބުން މަރުހަބާ ދަންނަވާފައި އެވެ.

"މިއަދަކީ 18 ވަނަ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން އެންމެ މުހިއްމު މަސައްކަތުގެ ގޮތުގައި އަޅުގަނޑު ފާހަގަކުރާ މަސައްކަތެއް ކުރައްވާ ނިންމެވި ދުވަސް. އެއީ 2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފާސްކުރެއްވި ދުވަސް. އެހެންކަމުން މިދަނޑިވަޅުގައި ދިވެހި ލޮބިވެތި ރައްޔިތުންނަށް މަރުހަބާ ދަންނަވަން." މަސީހުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މަސީހު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ހެޔޮ ބަދަލުތައް އައުމުގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް ވެސް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި 24.3 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްވީ 60 މެމްބަރުން ވޯޓުދެއްވައިގެން ނެވެ. ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 19 މެމްބަރުން ނެވެ.