އައްޑޫ ސިޓީ ކައުންސިލް އުފައްދަން ލޯކަލް ގަވަރުމަންޓް އޮތޯރީޓީން އެންމެ މެންބަރަކު އެކަނި ހުންނަވައިގެން ކަނޑައެޅި ޝަރުތުތައް ސައްހަ ނޫން ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަދަނީ ކޯޓުގެ ތިން ގާޒީން ކަމަށްވާ އަލީ ނަސީރާއި އާއިޝާ ޝުޖޫން އަދި ހާތިފް ހިލްމީ އިއްވެވި ހުކުމުގައި ބުނަނީ އެންމެ ބޭފުޅަކު ހުންނަވައިގެން ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށެވެ.

އެ އޮތޯރިޓީން ސިޓީއެއްގެ ދަރަޖަ ދިނުމުގެ ޝަރުތުތައް އިއުލާންކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އައްޑު އަތޮޅު ހުޅުދޫ އަންނާރު ވިލާ، ހަސަން ނާސިރު ދައުވާކުރީ އެ އިއުލާނަކީ ބާތިލް އެއްޗެއް ކަމުގައި ކަނޑައަޅައިދިނުމަށެވެ.

ނާސިރުގެ ދައުވާއާ ގުޅިގެން ޝަރީއަތް ހިންގުމަށް ފަހު ސިވިލް ކޯޓުން އިއްވެވި ހުކުމުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ޖަދުވަލް ދޭއް ގެ ދެވަނަ ނަމްބަރާއި ތިންވަނަ ނަމްބަރުގައި ބުނާ ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާ ޝަރުތުތަކުގެ ތަފްސީލް ކަނޑައަޅައި ލޯކަލް ގަވަރްމަންޓް އޮތޯރިޓީން އާންމުކުރި އިއުލާނަކީ އެ އޮތޯރިޓީގެ ބޯޑުގެ އަޣުލަބިއްޔަތުން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.

ލޯކަލް ގަވަރްމަންޓް އޮތޯރިޓީން އެ ޝަތުރު ކަނޑައަޅާ އިއުލާން ކޮށްފައި ވަނީ އެންމެ މެންބަރެއްގެ ގޮތުގައި ހޯމް މިނިސްޓަރު ހަސަން އަފީފް އެކަނި ހުންނަވައިގެނެވެ.